Ads by Stelco

ޚަބަރު

ނޮޅިވަރަމުގެ ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ނޮޅިވަރަމުގެ ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2025، 10:49

25 އޯގަސްޓު 2025، 10:49

 ނޮޅިވަރަމު ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ޑރ މުޢިއްޒު މިފަދައިން އިލްތިމާސްކުރެއްވެވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޮޅިވަރަން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކިވަކި އާއިލާތަކަށް އެންމެ ބޮޑު ނަފާ ލިބޭ މަސައްކަތަކީ ދަނޑުވެރިކަން ކަމަށްވާތީ، ކައުންސިލުން ދަނޑުބިންތަކަށް ފީ ނުނަގާނަމަ، ދަނޑުވެރި އާއިލާތަކަށާއި ރަށަށް ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ހުއްދަތަކާއި އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އަރުވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހިންގާ މަޝްރޫޢުތައް ރޭވިފައިވަނީ ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ތެރެއިންނެވެ. މިގޮތުން، 30 އެނދުގެ ހޮސްޕިޓަލެއް މި އަހަރު އަޅަން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރެއްވުމަށް މާއްދީ އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއްގެ ގޮތުގައި ތަރައްޤީކުރައްވާނެ ކަމަށާއި، ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަރޑަށް އަޕްގްރޭޑްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ޤާއިމުކުރުމުގެ މަޝްރޫއާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވެއެވެ. އަދި މި މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ބާރު ދުވެލީގައި ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން