Ads by Farudhun

ޚަބަރު

ކޮޕް ސަމިޓް ވާންވާނީ އަމަލީ ގޮތުން މާނަހުރި ނަތީޖާ ނެރެދެވޭނެ ފުރުސަތަކަށް: ރައީސުލްޖުމްހޫރިއްޔާ

ކޮޕް ސަމިޓް ވާންވާނީ އަމަލީ ގޮތުން މާނަހުރި ނަތީޖާ ނެރެދެވޭނެ ފުރުސަތަކަށް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ކޮޕް ސަމިޓުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

11 ނޮވެމްބަރު 2026، 09:38

11 ނޮވެމްބަރު 2026، 09:38

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ ކޮޕް ސަމިޓަކީ ހަމައެކަނި ވައުދުތަކެއް ވާ ތަނަކަށް ނުވެ، އަމަލީ ގޮތުން މާނަހުރި ނަތީޖާތަކެއް ނެރެދެވޭނެ ފުރުސަތަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިއުމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް، ރާއްޖެ އޮތީ ހިތްވަރާއެކު އައު އީޖާދުތަކުގެ އެހީގައި ވިލުންވެރި މުސްތަގުބަލެއް ބިނާކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކަކަށް އެދި، މުހިންމު ތިން އިސްކަމެއް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ފުރަތަމަ ކަމަކީ މާލީ އެހީތެރިކަމެވެ. އެގޮތުން ތަރައްގީވެފައިވާ ގައުމުތަކުން މޫސުމީ ބަދަލުތަކަށް އެހީވުމަށް ވެފައިވާ ވައުދުތައް ފުއްދަންޖެހޭ ކަމަށާއި، މިގޮތުން ދެވޭ އެހީގެ ފައިސާއަކީ އަލަށް ކަނޑައެޅި، އިތުރުކުރެވޭ، ދެމެހެއްޓެނިވި ގޮތެއްގައި އަދި ޔަގީންކަން އޮތް ގޮތެއްގައި ލިބޭ، ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ އެހީއަކަށް ވާންވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ގްރީން ކްލައިމެޓް ފަންޑާއި އެޑަޕްޓޭޝަން ފަންޑު އިތުރަށް ފުރިހަމަކޮށް، ގެއްލުމާއި ހަލާކުގެ ބަދަލުދޭ ފަންޑަށް (ލޮސް އެންޑް ޑެމޭޖް ފަންޑު) އެކަށީގެންވާ ވަރަށް ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ހިއްސާނުވާ ކާރިސާއަކުން ސަލާމަތްވުމަށް ދަރަނިވެރިވާން ރާއްޖެއަށް މަޖުބޫރުވެގެން ނުވާނެ ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ބައިނަލްއަގުވާމީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހުރި ނާޒުކު ހާލަތްތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގަންނަންޖެހޭ ކަމަށާއި، ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވިލުންވެރިކަން ބިނާކުރުމަކީ މާލީ ބުރައެއްގެ ގޮތުގައި ނުދެކި، އެއީ އެންމެންގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލެއްވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ވައުދުތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން އަންނަނީ ލިބެންހުރި ވަސީލަތްތަކުގެ އެހީގައި ކާބޯތަކެއްޗާއި، ހަކަތަ އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ރަށްރަށުގައި ސާފު ހަކަތަ ފުޅާކޮށް، އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ބާރަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ މަހު ރާއްޖޭގެ ފުރަތަމަ "ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ" އަށް ގްރީން ކްލައިމެޓް ފަންޑުގެ އެކްރެޑިޓޭޝަން ލިބިފައިވާކަން ފާހަގަކުރައްވައި، މިއީ އޭޝިއާގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މި ޝަރަފު ލިބުނު ފުރަތަމަ ފަހަރު ކަމަށާއި މިއިން ދައްކުވައިދެނީ ރާއްޖޭގެ މާލީ އަދި އިދާރީ ތައްޔާރީތަކުގެ ހަރުދަނާކަން ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއިން އެދެނީ އެހެން މީހުންގެ ހަމްދަރުދީ ނޫން ކަމަށާއި، އެދެނީ އިންސާފާއި ޒިންމާދާރުކަމާއެކު ވެފައިވާ ބައިނަލްއަގުވާމީ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ކޮޕް31 ވެގެންދާންވާނީ ހަމައެކަނި ވައުދުތަކެއް ވާ ތަނަކަށް ނޫން ކަމަށާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން އަމަލީ ގޮތުން މާނަހުރި ނަތީޖާތަކެއް ނެރެދެވޭނެ ތަނަކަށް ހެދުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450