ޚަބަރު
ކާރިސާތަކުގެ އިންޒާރަކީ މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ކޮޕް ސަމިޓުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކާރިސާތަކުގެ ކުރިން އިންޒާރު ލިބުމަކީ ރާއްޖެ ފަދަ ޖަޒީރާ ރަށްތަކާއި، ރައްޔިތުން އަދި މުޅި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ ނުހަނު މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭ ބައިނަލްއަޤްވާމީ ސަމިޓުގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އދ. ގެ "އާލީ ވޯނިންގްސް ފޯ އޯލް" (އީޑަބްލިޔު4އޯލް) އިސްނެގުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް ރާއްޖެ ވީހިނދު، މޫސުމީ ކާރިސާތަކުން މީހުންގެ ފުރާނަ އާއި ދިރިއުޅުމުގެ ވަސީލަތްތައް އަދި މުޖުތަމައުތައް ސަލާމަތްކުރުމަށް ކުރީބައިގައި އިންޒާރުދޭ ނިޒާމުތަކަކީ ކޮންމެހެން ބޭނުންތެރި ވަސީލަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ކަނޑުގެ ލޮނގަނޑު އުފުލުމާއި، ގޮނޑުދޮށް ގިރުމާއި، ފެންބޮޑުވުމާއި، އުދައެރުން އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށާއި، އުމްރާނީ ވަސީލަތްތަކަށާއި، ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެސް އެ މަނުކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ބިމުގެ 80 އިންސައްތައަކީ ކަނޑުގެ ލޮނގަނޑަށްވުރެ އެންމެ މީޓަރެއްހާ އުހުގައި އޮތް ބިންތައް ކަމަށާއި، އާބާދީގެ ދެބައިކުޅައެއްބައި ދިރިއުޅެމުންދަނީ ގޮނޑުދޮށާ 100 މީޓަރުގެ ކައިރީގައި ކަމަށެވެ. އެހެންކަމުން ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމަކީ ޤައުމީ އިސްކަމެއް ދީގެން ކުރިއަށްގެންދަންޖެހޭ އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، "އީޑަބްލިޔު4އޯލް" ގެ ދަށުން އެކުލަވާލި ޤައުމީ ސްޓްރެޓީޖިކް ރޯޑްމެޕް އެންޑޯޒްކުރި އޭޝިއާގެ ފުރަތަމަ ޤައުމު އަދި ފުރަތަމަ ކުދި ޖަޒީރާ ޤައުމަކީ ދިވެހިރާއްޖެކަން ރައީސް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މިއީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކެބިނެޓުން ނިންމެވި މުހިންމު ނިންމެވުމެކެވެ. މި ރޯޑްމެޕްގައި ހިމެނޭ 85 މައިގަނޑު ހަރަކާތް ތަންފީޒުކުރުމުގައި މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2027 ގެ ފަހަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް އިސްކަންދޭ، މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ޕްރޮގްރާމަކަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި މޫސުމާ ބެހޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، މޫސުން ލަފާކުރުމުގެ ޤާބިލުކަން އިތުރުކުރުމާއި، އިތުބާރުހުރި މުވާސަލާތީ ވިއުގަތަކަށް އިންވެސްޓްކުރުމުގެ އިތުރުން މުޖުތަމައުތައް ހޭލުންތެރިކުރުވުން ހިމެނެއެވެ. އަދި މޫސުމީ ކާރިސާތަކުގެ އިންޒާރު ހޯދުމަކީ ހަމައެކަނި ލިބޭ އިމްތިޔާޒެއް ނޫން ކަމަށާއި، އެއީ މޫސުމީ އަދުލުވެރިކަމުގެ އަސާސީ ބައެއް ކަމަށް ދެކެންޖެހޭ ކަމަށް ވިދާޅުވިއެވެ.
މިކަންކަން ހާސިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވަމުން، ތަރައްޤީވެފައިވާ ޤައުމުތަކާއި މާލީ އިދާރާތަކުން މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއަށް ކާރިސާތަކުގެ އިންޒާރު ދިނުމަކީ ހަމައެކަނި ވާނެގޮތް ލަފާކުރުން ނޫން ކަމަށާއި، އެއީ ޖަޒީރާ ރަށްތަކާއި، ރައްޔިތުން އަދި ޤައުމުގެ މުސްތަޤުބަލު ރައްކާތެރިކުރުމުގެ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވަމުންނެވެ.