ޚަބަރު
ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ކުނި އުފައްދާ ފަރާތްތަކުގެ ޒިންމާ އިތުރުކުރަންޖެހޭ: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަ ފުޅު ދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކަނޑުފަޅުތަކުގެ މާހައުލު ހިމާޔަތްކުރުމަށްޓަކައި، ކުނި އުފެދޭ އަސްލުން ފެށިގެން އެކަން ހުއްޓުވުމާއި، އުފެއްދުންތެރިންގެ ޒިންމާދާރުކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ބައްދަލުވުން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވި "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތުރުކީވިލާތުގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންގެ ދައުވަތަކަށް ބޭއްވި މި ބައްދަލުވުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންގެ އަނބިކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކަނޑަށް އެޅޭ ކުންޏަކީ އުކާލުމުން ނެތިގެންދާ އެއްޗެއް ނޫން ކަމަށާއި، އޭގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، އިންސާނުންގެ ކާނާގެ ނިޒާމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި "ޒީރޯ ވޭސްޓް މޫވްމަންޓް" ކުރިއެރުވުމަށް އެމިނޭ އުރުދުޣާން ކުރައްވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ އަމާޒުތަކަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ޤަވާއިދާ ޚިލާފަށް ކުނި އެތެރެކުރުން މަނާކުރުމަށާއި ނުރައްކާތެރި ކުނީގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، މިދިޔަ އޯގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެހެން ޤައުމުތަކުގައި އުފައްދައި، ބަންދުކޮށް އަދި އެކްސްޕޯޓްކުރާ ތަކެތީގެ ކުނި މެނޭޖްކުރުމުގެ ބުރަ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކުން އުފުލަންޖެހޭކަން ފާހަގަކުރައްވައި، ކުނީގެ ޒިންމާއަކީ ހަމައެކަނި މުދާ ވިއްކުމާ ހަމައިން ނިމޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ޕެކޭޖިންގ ބޭނުންކުރުމަށާއި، އައު ޓެކްނޮލޮޖީގެ އިތުރުން 'ސާކިއުލަރ އިކޮނޮމީ' އަކަށް ވާސިލުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ހަމައެއާއެކު، ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށްޓަކައި ޢާއިލާތަކާއި، ސްކޫލްތަކާއި އަދި މުޖުތަމަޢުގެ ދައުރު މުހިންމު ކަމަށާއި، ޚާއްޞަކޮށް ދުނިޔެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމުގެ ޒިންމާ ނަގާނެ ކުދިންތަކެއް ބިނާކުރުމަށް ކުޑަކުދިން ބާރުވެރިކުރުވަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ދެމެހެއްޓެނިވި ބަދަލު ފެށެނީ ގޭތެރެއިން ކަމަށާއި، އެކަން ހަރުދަނާވަނީ ސްކޫލްތަކުން ކަމަށާއި އަދި ފުޅާވެގެންދަނީ މުޅި މުޖުތަމަޢުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން، ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު ފެށި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަށް އަމާޒު ހިފާފައިވާ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ވަނީ އިފްތިތާޙު ކޮށްފައެވެ. މި އެލަޔަންސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމުގެ ދެމެހެއްޓެނިވި އުސޫލުތައް ފުޅާކުރުމަށްޓަކައި ސަރުކާރުތަކާއި، އދ. ގެ އިދާރާތަކާއި އަދި ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.