ޚަބަރު
އެޗްއާރުސީއެމަށް ދެ މެންބަރުން އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

އެޗްއާރްސީއެމްގެ އޮފީސް. ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ދެ މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ނަންފުޅުތައް ދިރާސާކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު ޢަބްދުއްރައްޒާޤްގެ މަޤާމުގެ މުއްދަތު މިއަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު ހަމަވާތީ، އެ މަޤާމުތަކަށް އަލަށް މެންބަރުން އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހ. ސޯސަން، މުޙައްމަދު ފާރިސް ޠާހާ އާއި މ. ޕޮޕީ، މުހައްމަދު ޝަފީޤް މަހްމޫދުގެ ނަންފުޅެވެ. މި ދެ ބޭފުޅުންނަކީ އާންމުކޮށް އިޢުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް އެ މަގާމަށް އެންމެ އެކަށީގެންވާ ކަމަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުކަމުގެ މަޤާމެއް ހުސްވުމުން، އެ މަޤާމަށް މެންބަރަކު އައްޔަން ކުރެވޭނީ އާންމުކޮށް އިޢުލާންކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެހެންކަމުން، މި ދެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅި، މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަން ކުރައްވާނެއެވެ.