ޚަބަރު
ނޢޢވ. ޙަސަން ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި

މަރުޙޫމް ޞާބިރްގެ ހަނދާނުގައި ހުޅުވުނު ތަޢުޒިޔާގެ ދަފްތަރުގައި ޚާރިޖީ ވަޒީރު ސޮއިކުރެއްވުން. ފޮޓޯ: ފަތުރުވެރިކަމާބެހޭ ވުޒާރާ
ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވައިފިއެވެ.
މި ދަފްތަރު ހުޅުވާފައިވަނީ ވެލާނާ ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ އޮފީހުގައެވެ.
ޙަސަން ޞާބިރު އަވަހާރަވެވަޑައިގެންނެވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިދިޔަ ހޯމަ ދުވަހު، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން 29 ޖުލައި އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވޭނެއެވެ.
ތަޢުޒިޔާގެ ދަފްތަރުގައި އެންމެ ފުރަތަމަ ލިޔުއްވާ ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. މި ދަފްތަރު އަންނަ މަހުގެ 7ވަނަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް ހުޅުވާފައި ހުންނާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ޙަސަން ޞާބިރަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި ބޭރު ޤައުމުތަކުގައި ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މަރުޙޫމް ޙަސަން ޞާބިރު، ރަސްމީ ޢިއްޒަތުގައި ފަސްދާނުލެވިފައިވަނީ ގަލޮޅު ސަހަރާގައެވެ. އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ޢާންމު ރައްޔިތުންނަށްވެސް ސޮއިކުރެވޭނެއެވެ.