ޚަބަރު
ބާޒާރުން ފިޔާ ލިބުން ދަތިވެފައިވާތީ އެސްޓީއޯއިން ފިޔާ ޝިޕްމެންޓެއް ގެންނަނީ

ފިޔާގެ ދަތިކަން ބޮޑުވެ ބައެއް ފިހާރަތަކުން ފިޔާ ވަނީ ހުސްވެފަ
ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.
މި ދަތިކަން ދިމާވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުނެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިވަގުތު ބަނދަރުގައި ފިޔާ އެކުލެވޭ 4 އުޅަނދު އޮތްނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މުދާ ބޭލުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ.
މިކަމާގުޅިގެން އެމްޕީއެލްއިން ބުނެފައިވަނީ މޫސުން ގޯސް ދުވަސްވަރު ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓުތަކުން މުދާ ކްލިއަރކުރުމުގައި އަބަދުވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.
ފިޔާއަކީ އާންމުކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ އެއްޗެއް ނޫންނަމަވެސް، މިފަދަ ދަތި ޙާލަތްތަކުގައި އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން، އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.
އެސްޓީއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި، ބަނދަރުގައި މިހާރު އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ނެރެވުމުން، ފިޔާ ލިބުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ. އަދި އެސްޓީއޯގެ ޝިޕްމަންޓް ރާއްޖެ އައުމުން މި ދަތިކަން އިތުރަށް ޙައްލުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދުވަސްވަރަކީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެކްސްޕޯޓްކުރާ އިންޑިއާގައިވެސް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވުމާއެކު، ފިޔާ އިމްޕޯޓްކުރުމުގައި އިތުރު ގޮންޖެހުންތަކެއް ހުރި ކަމެވެ.