ޚަބަރު
ތިލަމާލެ ބްރިޖުގެ ކޮލިޓީއާ ގުޅިގެން ދެކެވެމުންދާ ވާހަކަ ވަޒީރު ދޮގުކުރައްވައިފި

ތިލަމާލް ބްރިޖް. ފޮޓޯ: ވުޒާރާ
"ތިލަމާލެ" ބްރިޖުގެ ކޮލިޓީއަށް ޔަޤީންކަން ދެމުންދިޔަ ފަރާތާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލްކޮށްފައިނުވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރުކުރަމުންދާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ބާޠިލްކޮށްފައިވާ ކަމަށާއި، އަދި މި މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މި ވާހަކަތައް ދޮގުކުރައްވާފައިވެއެވެ.
ތިލަމާލެ ބްރިޖުގެ ކޮލިޓީއަށް ޔަޤީންކަން ދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ ހޮންކޮންގްގެ އަރޫޕް ކުންފުނިންނެވެ. މި ކުންފުނިން މި މަސައްކަތް ކުރަމުން އަންނަނީ މިނިވަން ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.
މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ، ތިލަމާލޭ ބްރިޖުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސް، ނިމުމަކާ ކައިރިވެފައެވެ. އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު، ބްރިޖްގެ ޕައިލިންގ މަސައްކަތް ނިންމާ، މުޅި މަޝްރޫޢުގެ 60.84 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބްރިޖުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި ބްރިޖުގައި ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައްވެސް ހިމެނޭނެއެވެ.