ޚަބަރު
ޙަލާލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ވަކި ރަށްތަކެއް ޚާއްސަ ކުރުމަށް ސަރުކާރުން ނިންމައިފި

ރާއްޖޭގެ ރިސޯޓެއްގެ ބީޗު ސަރަހައްދު
ޙަލާލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ވަކި ރަށްތަކެއް ޚާއްސަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާނުކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ދަށުން އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ މިހާރުވެސް ދުނިޔޭގައި މަޝްހޫރު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ފަތުރުވެރިންގެ ތަޖުރިބާ އާއި މެހެމާންދާރީގެ ރޮނގުން ނަމޫނާ ސިނާއަތެއް ކަމަށެވެ. އަދި މިހާރުގެ އަމާޒަކީ ހަލާލް ޓޫރިޒަމްގެ ދާއިރާއިންވެސް ދުނިޔޭގެ ނަމޫނާއަކަށްވުން ކަމުގައި ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތަފްސީލް މިއަންނަ ހަފްތާގައި ފަތުުރުވެރިކަމާ ބެހޭ ވުޒާރާއިން އިޢުލާން ކުރާނެކަމަށް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.
އަދި ދިވެހިރާއްޖެއަކީ އިންވެސްޓްމަންޓަށް ތައްޔާރަށް އޮތް، އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ޤައުމެއްކަން ވެސް އެ މަނިކުފަނު ފާހަގަކުރެއްވިއެވެ.
ޙަލާލް ޓޫރިޒަމްއަކީ ދުނިޔޭގައި އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މި ދާއިރާއަށް ޚާއްސަ ރަށްތަކެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފުޅާކަމެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިފަދަ އައު އުފެއްދުންތައް ތަޢާރަފުކުރުމަކީ، އިތުރު މާރކެޓްތަކަށް ވާސިލުވެ، އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.