Ads by Stelco

ޚަބަރު

ލޭބަރ ފޯސް ސަރވޭގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިމޭނެ: ވަޒީރު ހައިދަރު

ލޭބަރ ފޯސް ސަރވޭގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިމޭނެ: ވަޒީރު ހައިދަރު

ވަޒީރު ޙައިދަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2025، 10:39

23 ޖޫން 2025، 10:39

މިނިމަމް ވޭޖް މުރާޖަޢާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި، މި މަސައްކަތުގެ މުހިންމު ބައެއް ކަމަށްވާ ލޭބަރ ފޯސް ސަރވޭގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ ޙައިދަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، 2021 ނޮވެމްބަރު 8 ގައި ފުރަތަމަ ފަހަރަށް ކަނޑައެޅުނު މިނިމަމް ވޭޖް، ކޮންމެ ދެ އަހަރަކުން މުރާޖަޢާކުރަން ޖެހުނު ނަމަވެސް، ކުރީގެ ސަރުކާރުން އެ މަސައްކަތް ކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިނިމަމް ވޭޖުގެ މަސްއޫލިއްޔަތު މަތީ ތަޢުލީމާބެހޭ ވުޒާރާއާ ހަވާލުކުރުމާއެކު، މި މަސައްކަތަށް އައު ހިތްވަރަކާއެކު އަލުން ފެށިގެން ދިޔަކަމަށް ވަޒީރު ޙައިދަރު ވިދާޅުވިއެވެ. 

"މިއީ ވަރަށް ޙައްސާސް މަސައްކަތެއް. އިޤްތިޞާދަށާއި މަސައްކަތްތެރިންނަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެހެން މި މަސައްކަތް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒް،" ވަޒީރު ވިދާޅުވިއެވެ.

މިނިމަމް ވޭޖް މުރާޖަޢާކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. 

ވަޒީރު ޑރ. ހައިދަރު އިތުރަށް ވިދާޅުވި ގޮތުގައި، ލޭބަރ ފޯސް ސަރވޭގެ މަސައްކަތް ނިމުމުން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެންދާނެއެވެ. އަދި މި މަސައްކަތުގެ ޓެކްނިކަލް ދާއިރާގައި ކުރިން މަސައްކަތްކުރި ގިނަ މުވައްޒަފުން ވަކިވެފައިވުމުން، އައިއެލްއޯގެ އިތުރު އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS