ޚަބަރު
ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ 70 އިންސައްތަ ނިމިއްޖެ

ހިތާދޫ ބަނދަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ހުލާސާ
ބ. ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދެއްވިގޮތުގައި މިވަގުތު ކުރިއަށްދަނީ ބްރޭކްވޯޓަރުގެ ޕްރޮފައިލިންގ މަސައްކަތާއި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތެވެ. މީގެ ކުރިން ވަނީ ކުރީގެ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލާފައެވެ.
17.7 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ބްރިޖެއް އިމާރާތްކުރުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ހިތާދޫ ބަނދަރަކީ އެރަށުގެ މަސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މަސްވެރިކަމުގެ ބޮޑެތި އުޅަނދުތައް ބޭނުންކުރާ ބަނދަރެއް ކަމަށްވުމާއެކު، ބޭރު ތޮށި ހަދާ ނިމި، ބަނދަރު ފުޅާކުރުމުން ބަނދަރުގެ ޚިދުމަތް ހޯދާ އޮޑިދޯނިފަހަރުތަކާއި މަސްވެރި އުޅަނދުތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ފާހަގަކުރެއެވެ.