ޚަބަރު
ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ
ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުން. ފޮޓޯ: މޫސުމާއި ބެހޭ ވުޒާރާ
10 ވަނަ ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސް (އިންޓަނޭޝަނަލް ނައިޓްރޯޖަން ކޮންފަރެންސް 2026) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު އަދި ސީނިއަރ އެއަރ ކޮލިޓީ މެނޭޖްމަންޓް އޮފިސަރ ފާޠިމަތު އިމްތިނާން ޢާމިރެވެ.
މި ކޮންފަރެންސްގެ ތެރެއިން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި މަތީ ފަންތީގެ "ސައިންސް-ޕޮލިސީ ޑައިލޮގް" ގެ ޕެނަލިސްޓެއްގެ ގޮތުގައި ޑރ. މުޢާވިޔަތު މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ޕެނަލް މަޝްވަރާގައި، ނައިޓްރޯޖަން މެނޭޖްކުރުމާ ގުޅޭގޮތުން ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
State Minister Dr Muaviyath Mohamed and Senior Air Quality Management Officer Fathimath Imthinan Amir participated in the 10th International Nitrogen Conference 2026. Dr Muaviyath also joined a high-level UNEP science-policy dialogue as a panelist. https://t.co/GSnQr5Ih7D
— Min. of Climate Change, Environment and Energy, MV (@MoEnvmv) November 11, 2026
ތިމާވެށީގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށާއި، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް ކޮންޓްރޯލްކޮށް ވައިގެ ސާފުމިންވަރު ރަނގަޅު ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަންނަނީ އިސްދައުރެއް އަދާކުރަމުންނެވެ.
މިފަދަ މުހިންމު ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމާއި ތަޖުރިބާ ހޯދުމަށާއި، ރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.