ޚަބަރު
މެޑަމް ސާޖިދާ އާއި ތުރުކީގެ ފަސްޓް ލޭޑީ "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
މެޑަމް ސާޖިދާ އާއި ތުރުކީގެ ފަސްޓް ލޭޑީ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން، ހަރ އެކްސަލަންސީ އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައި، "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ކޮޕް31 ސަމިޓުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން، 2017 ވަނަ އަހަރު އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ބެހޭ މަޢުލޫމާތު، މެޑަމް ސާޖިދާއާ ވަނީ ހިއްސާކުރައްވާފައެވެ.
ދެ ބޭފުޅުން ވަނީ "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ޙަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން ވަނީ މެޑަމް ސާޖިދާއަށް ހިތްވަރުދެއްވާފައެވެ. އެގޮތުން އެކަމަނާ ވަނީ، މިކަން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ބޮޑުކަމުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ތިމާވެށި ޙިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
First Lady @sajidhaamohamed meets Türkiye’s First Lady, Her Excellency Emine Erdoğan, on the sidelines of COP31. The two First Ladies discussed potential areas of cooperation in advancing the Zero Waste initiative and the importance of engaging youth, women and children in environmental protection and waste reduction efforts. #MaldivesAtCOP31 #COP31
— The President's Office (@presidencymv) November 11, 2026
ހަމަ އެއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމަށް، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށް ޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.