Ads by Farudhun

ޚަބަރު

ހުކުމާ އެއްގޮތަށް ދަރަނި ދައްކައި ހަލާސް ކުރާނަން: ޝަމްހީދު

ހުކުމާ އެއްގޮތަށް ދަރަނި ދައްކައި ހަލާސް ކުރާނަން: ޝަމްހީދު

މެމްބަރު ޝަމްޙީދް. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2026، 10:55

12 ނޮވެމްބަރު 2026، 10:55

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދަރަނި ދައްކައި ހަލާސް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝަމްހީދު މިކަން ހާމަކުރެއްވީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނަކަށް ގެރެންޓީ ދިން ފަސް މީހުންގެ ތެރޭގައި ހިމެނިވަޑައިގެން، އެ ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެމްއައިބީން ޑުޕްލެކްސް ކުންފުންޏަށް ދޫކުރި 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ" އަށް ފައިސާ ނުދެއްކި މައްސަލާގައި ސިވިލް ކޯޓުން ހުކުމް ކުރީ، ޝަމްހީދު ހިމެނިވަޑައިގަންނަވާހެން ބޭންކް ގެރެންޓީ ދިން ފަސް މީހުން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ބާކީ އޮތް 36،647.76 ޑޮލަރު ދައްކައި ހަލާސް ކުރުމަށެވެ. އަދި ގަވާއިދުން ފައިސާ ނުދެއްކުމުން ކޮންމެ މަހަކު އަރަމުންދާ ޖޫރިމަނާ އާއި ޗެރިޓީ ފައިސާ ވެސް އެ މުއްދަތުގައި ދައްކަން ވަނީ އަމުރުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޑުޕްލެކްސް ކުންފުނީގެ ހިއްސާދާރުންނަކީ އަހުމަދު އަސްލަމް، އަހުމަދު ސައީދު، އަހުމަދު ޝަމްހީދު، މުހައްމަދު ހަމްދާން ބާގިރު އަދި މުހައްމަދު ފިޔާޒެވެ. އޭގެ ތެރެއިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަސްލަމެވެ.

މި މައްސަލައިގައި ދިފާއުގައި ނެރުއްވި ބަޔާނުގައި ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް ކުންފުންޏަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އުފެއްދި ކުންފުންޏެއް ނަމަވެސް، މިހާރު އެ ކުންފުނި ހިންގުމުގައި އިސްކޮށް ތިބި މީހުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން އޭނާއާ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކޮށް، އަބުރު ކެނޑުމަށް ކަމަށެވެ. އަދި ފެސިލިޓީއަށް ފައިސާ ނުދައްކާކަން އެނގިވަޑައިގަތުމުން އެކަން ހައްލުކުރަން ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށާއި، ކުންފުނިން ފައިސާ ނުދެއްކުމުން އަމިއްލަ ހައިސިއްޔަތުން ފައިސާ ދައްކަވަމުން ގެންދެވި ކަމަށްވެސް ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މައްސަލަ ކޯޓަށް ދިޔުމުންވެސް ކުންފުނިން ޖަވާބުދާރީވެފައެއް ނުވެއެވެ. އަދި ހުކުމް ކުރުމުގެ ކުރިން އޭނާ ކޯޓަށް ހާޒިރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ނިންމިކަން އެންގީ އީމެއިލުން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، މިއީ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން މަތިވެފައިވާ ދަރަނި ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރައްވާނެ ކަމުގެ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450