Ads by Stelco

ޚަބަރު

އޯއައިސީގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ތުރުކީވިލާތައް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

އޯއައިސީގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ތުރުކީވިލާތައް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

އޯއައިސީގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިަގަންނަވަނީ. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2025، 09:29

22 ޖޫން 2025، 09:29

ހުލާސާ


އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް  ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ތުރުކީވިލާތުގެ އިސްތަންބޫލަށް ކުރެއްވި ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިިފިއެވެ.

"ބަދަލުވަމުންދާ ދުނިޔޭގައި އޯއައިސީ" މި ޝިއާރުގެ ދަށުން ބޭއްވުނު މި ސެޝަންގައި ދެއްވި ޤައުމީ ބަޔާނުގައި ވަޒީރު ޑރ. ޚަލީލް އިސްކަމެއް ދެއްވީ، މިއަދު މުސްލިމް އުއްމަތް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ސުލްހައާއި އިންސާފު ޤާއިމްކުރުމަށްޓަކައި އޯއައިސީގެ ހަރަކާތްތައް ހަރުދަނާކޮށް، މެމްބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށެވެ.

ފަލަސްތީނުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށް ފާހަގަކުރައްވައި، އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޣައްޒާ އާއި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކާއި ވޭންތަކާމެދު ވަޒީރު ޑރ. ޚަލީލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

 އަދި 1967 ގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ޖެރޫސަލަމް ވެރިކަންކުރާ ރަށްކަމުގައި ހިމެނޭ، މިނިވަން އަދި މުސްތަޤިއްލު ފަލަސްތީނު ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެއިތުރުން، އިޒްރޭލުން އީރާނަށް ދޭތެރެދޭތެރެއިން ދެމުންދާ ހަމަލާތައް މިނިސްޓަރ ޑރ. ޚަލީލް ކުށްވެރިކުރައްވައި، އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމް ނުކުރާކަމާއި، އެކަމަށް ޖަވާބުދާރީވާން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އިޒްރާއިލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން ބޭއްވުނު ޚާއްސަ ސެޝަންގައިވެސް ދިވެހި ވަފުދުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގެ ސައިޑްލައިންގައި، ތަޖިކިސްތާނުގެ ފޮރިން މިނިސްޓަރާއެކު ބައްދަލުކުރައްވައި، އޯއައިސީގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. 

މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލްއާއެކު އޯއައިސީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް އަޙްމަދު ސަރީރު، ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ފާތިމަތު ރަޒާނާ އަދި ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލަރ އާއިޝަތު ރައިހާނާ ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS