ޚަބަރު
ޔޫކްރޭނާއި އަޔަލެންޑަށް ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުންދީފި

ޔޫކްރޭނާއި އަޔަލެންޑަށް ކަނޑައަޅުއްވުމަށް ރުހުން ދެއްވި އިރުތިޝާމް އަދި ގީލާ
ޔޫކްރޭނާއި އަޔަލެންޑަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ނަންފުޅުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ.
މި މަހުގެ 2 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމްގެ ނަންފުޅާއި، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީގެ ނަންފުޅު ހިމެނެއެވެ.
މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، އިރުތިޝާމާއި ގީލާއަކީ މިހާރުވެސް ސަފީރުންގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދެ ބޭފުޅުންކަމަށްވާތީ، އެ ދެ ބޭފުޅުންގެ މަގާމުގެ ޝަރުތު ފުރިހަމަވާކަމަށް ނިންމައި ރުހުން ދިނުމަށް ވަނީ ނިންމާފައެވެ.
ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ދެ ސަފީރުންނަށްވެސް ރުހުން ދިނުމަށް ފާސްކޮށްފައެވެ. ޤާނޫނުއަސާސީގެ ދަށުން އެކި ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމުގެ އިޚްތިޔާރު ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއަށެވެ.
ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރެވެނީ މިހާރުވެސް ސަފީރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅުންނެވެ.