ޚަބަރު
މާދަމާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކައްކާ ގޭސް ދަތިކަމެއް ނެތި ލިބޭނެ: މޯލްޑިވްސް ގޭސް
މޯލްޑިވްސް ގޭސްގެ ވެހިކަލެއް. ފޮޓޯ: ސަން
ކައްކާ ގޭހުގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް، މާދަމާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށް މޯލްޑިވް ގޭސް ކޮމްޕެނީން ބުނެފިއެވެ.
ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އައީ ގޭސް ވިއްކުން ވަކި މިންވަރަކަށް ކޮންޓްރޯލް ކުރަމުންނެވެ. އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ސިލިންޑަރަކަށް އަޅައިދެމުން ދިޔައީ 31 ކިލޯގެ ގޭހެވެ. ނަމަވެސް މި މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާތީ، މާދަމާއިން ފެށިގެން ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު އިއާދަކޮށް، ފުރިހަމައަށް ގޭސް ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ގޭސް ސަޕްލައިއަށް ދިމާވާ ދަތިތަކުގެ ސަބަބުތައް ހާމަކުރަމުން އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މިފަދަ ބަދަލުތަކެއް ގެންނަން ޖެހެނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށާއި ސަޕްލައި ޗެއިނަށް އަސަރުކުރުމުންނެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވެސް މިފަދަ މައްސަލައެއް ދިމާވެ، 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި 7 ކިލޯގެ ގޭސް ފުޅި ވިއްކަން ޖެހުނެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއު ނިމުމުން އެއްފަހަރާ 3 މަސް ދުވަހުގެ ގޭސް ރައްކާކުރުމުގެ ގާބިލުކަން ލިބި، ގޭސް ދަތިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.