ޚަބަރު
ނަޞްރުގެ ދުވަހާ ގުޅޭ މައުރަޒެއް ދިއްދޫގައި ހުޅުވައިފި
ނަޞްރުގެ ދުވަހާ ގުޅޭ މައުރަޒު ރަސްމީކޮށް ހުޅުވުން / ފޮޓޯ: އެމްއެންޑީއެފް
ނަޞްރުގެ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ. ދިއްދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ. މި މައުރަޒު ދިއްދޫގައި ބޭއްވުމަށް ނިންމީ، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދަކީ އެ ރަށަށް ނިސްބަތްވުމެވެ.
މި މައުރަޒު ޚާއްޞަކޮށްފައިވަނީ 3 ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެދިޔަ ޤައުމީ އަބްޠާލުންގެ ޒިކުރާއަށާއި، ދިވެހިންނަށް އެ ދުވަހު ލިބުނު މަތިވެރި ނަޞްރާއި ކާމިޔާބީގެ މައްޗަށެވެ. އެގޮތުން، ޢުދުވާނީ ހަމަލާތައް ފެށުނު ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ހާދިސާތައް ވަގުތު ފީތާއެއްގެ ސިފައިގައި ފެންނާނެހެން ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރު އަދި ލިޔުންތައް މި މައުރަޒުގައި ވަނީ ހިމަނާފައެވެ. އަދި ދިވެހި ސިފައިންނާއި ރައްޔިތުން ވީ މަތިވެރި ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު މި މައުރަޒުން ވަރަށް ފުރިހަމައަށް ތަޞައްވުރުކޮށްލެވެއެވެ.
މީގެއިތުރުން، އެމްއެންޑީއެފުން އަހަރަކު ދެ ފަހަރު ޝާއިޢުކުރަމުން އަންނަ "އައްޑަނަ މަޖައްލާ"ގެ 40 ވަނަ ޢަދަދު ވެސް ވަނީ މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ނެރެދެއްވާފައެވެ.
މި މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 13 އިން 14 ގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އާންމުންނަށް ޒިޔާރަތްކުރެވޭނެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން ނޮވެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ދިއްދޫ ބަނދަރުގައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް "ނޫރައްދީން"އަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ދުވަހުގެ ހަވީރު 16:00 ގައި ދިއްދޫ އިސްލާމީ މަރުކަޒު ކައިރީގައި އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިފަދަ ހަރަކާތްތަކެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޝަހީދުންގެ ޒިކުރާ އާކޮށް، ދިވެހީންގެ ހިތްތަކުގައި ޤައުމީ ފަޚުރާއި އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމާއި، މިނިވަންކަން ދެމެހެއްޓުމަށް އަބްޠާލުން ވެދެއްވި ޤުރުބާނީގެ ހަނދާންތައް ދިރުވުމެވެ.
ދިއްދޫގައި ބާއްވާ މި މައުރަޒަށްފަހު، މި މަހުގެ 20 އަދި 21 ވަނަ ދުވަހު މި މައުރަޒު ހއ. ބާރަށުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބާރަށަކީ 3 ނޮވެންބަރުގެ ޢުދުވާނުގައި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިންގެ އުފަން ރަށެވެ.