Ads by Ministry of Arts, Culture and Heritage

ޚަބަރު

ސިޔާސީ ޖަޒުބާތުގެ ކުރިއަށް ޤައުމީ އިޚްލާޞްތެރިކަން ނެރެންޖެހޭ: ރައީސް މުޢިއްޒު

ސިޔާސީ ޖަޒުބާތުގެ ކުރިއަށް ޤައުމީ އިޚްލާޞްތެރިކަން ނެރެންޖެހޭ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2026، 05:33

13 ނޮވެމްބަރު 2026، 05:33

 ސިޔާސީ ޖަޒުބާތުތަކުގެ ކުރިއަށް ޤައުމީ އިޚްލާޞްތެރިކަން ނެރެ، ޒާތީ އަރާރުންތަކަށްވުރެ ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރުމަށް ދިވެހި ރައްޔިތުންނަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މުޢިއޒު މިގޮތަށް އިލްތިމާސް ކުރެއްވެވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު އެކްސްގައި ކުރެއްވެވި ޕޯސްޓުގައެެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވައި، މަލާބާރީންގެ ވަކިތަކުން ދިވެހި ޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު، ދޮންބަންޑާރައިން، ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ހުރަވީ ދުވަހުގެ ތާރީޚީ ޙާދިސާއަށް ގާތްގަނޑަކަށް 3 ޤަރުނު ފުރެން ކައިރިވަމުން އަންނައިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނުން ވަރަށް މުހިންމެވެ. އަދި ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުތަކުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލު އުޖާލާކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިއަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް އިސްކަންދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމުގެ ފާގަތި މުސްތަޤްބަލަކަށް މަރުޙަބާ ކިޔަންޖެހޭ ކަމަށް ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މި މަގުގައި ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވައި، ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީ އަދި އާރޯކަން މިންވަރުކުރައްވައި، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450