Ads by Stelco

ޚަބަރު

ލޭގެ ޚިދުމަތްދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފި

ލޭގެ ޚިދުމަތްދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފި

ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖޫން 2025، 08:48

15 ޖޫން 2025، 08:48

ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ދެވޭ މިންވަރު ދެނެގަތުމަށްޓަކައި، ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ކޮންމެ މަހަކު ލޭ އަޅާ މީހުންގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި ނިޒާމުގެ ތެރެއިން ހެލްތު ރިކޯޑުގެ ޒަރީއާއިން ލޭ ހަދިޔާ ކުރާ މިންވަރާއި، އުމުރުފުރައާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތަކާއި ސަރަޙައްދުތައް ދެނެގަނެވޭނެއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ތަފާސްހިސާބުތަކުގެ އަލީގައި ދިރާސާތައް ކުރެވި، ރާއްޖެއަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޓެސްޓުކުރުމަށް  ބޭނުންކުރާ އެންމެ ފަހުގެ އާލާތްތައް ބޭނުންކުރަން ފެށުމަށްވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން ކަނޑައެޅުމަށް "ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ" އެކުލަވާލައި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ޔޫނިއަންތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އިސްލާމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އައިލެންޑް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުން މި އެއްބަސްވުމުގައި ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS