ޚަބަރު
ރައުދު ބޭރަށް ފުރިކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

ރައުދު އަޙްމަދު ޒިލާލް. ފޮޓޯ: ސޯޝަލްމީޑިއާ
ހ. ފެންޓެނޯއީ ގޭގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައި އޮތް ރައުދު އަޙްމަދް ޒިލާލް ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ރައުދުގެ މައްޗަށް ކުރެވުނު ފުރުން މަނާ ކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއެކު އެވަގުތު އެގޭގައި ހުރި ރައުދުގެ މައްޗަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދަޢުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކޮށްފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 4:54 އެހާކަށްހައިއިރު ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، ރައުދު އެހީތެރިވެދީފައި ނުވާކަމަށާއި، އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާކަމަށް ބުނެއެވެ.
ރައުދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން ކަމަށާއި، މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ތަޙުޤީޤަށް ހޯދާފައިވާ ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި، މި ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅެފައިވަނީ ރައުދު ކަން ކަށަވަރުވެފައިވެއެވެ. މި މައްސަލައިގައި އަނިޔާވި ޔުމްނު މިވަގުތު ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައެވެ.
މި މައްސަލައިގައި އެއްވެސް އިދާރާއަކަށް ނުފޫޒެއް އޮތްތޯ ބެލުމަށާއި، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންކަން ކޮށްފައިވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާރުދަނީ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނަގައި، ކަން ހިނގާފައިވާ ގޮތް ބަލަމުންނެވެ.