ޚަބަރު
ގައިންގަޔަށް އަރާ ތަފާތު ބަލިތައް ފެތުރެމުންދާތީ ޙައްޖާޖީން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޙައްޖުވެެރިންގެ ފުރަތަމަ ފްލައިޓްގެ ބޭފުޅުން ފުރަން އެއަރޕޯޓުގައި. ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ހުލާސާ
މި ދުވަސްވަރަކީ ޙައްޖު އަޅުކަން ނިންމުމަށްފަހު ޙައްޖާޖީން ރާއްޖެ އެނބުރި އަންނަ ދުވަސްވަރުކަމަށް ވުމާއެކު، އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ ޙައްޖާޖީން މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭއިން ދެއްވި މަޢުލޫމާތުގައި ބުނެފައިވަނީ، ޙައްޖު ނުވަތަ ޢުމްރާއިން އަންނައިރު އަރިދަފުސް ރޯގާ ޖެހިފައިވާނަމަ، ކެއްސާ ކިނބިހިއަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗެއް ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ. އަދި ބޭނުންކުރާ މާސްކާއި ޓިޝޫފަދަ ތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ފާހަގަކުރައްވައިފައިވެއެވެ.
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމު ކުރުމަށް އެޗްޕީއޭއިން ލަފާދެއްވައެވެ. އަދި ހުންގަދަނަމަ ގައިގައި ފެން ހޭކުމަށާއި، ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.
ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އައުމަށްފަހު 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން، ނޭވާ ދަތިވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މަޢުލޫމާތު ދިނުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައެވެ.
މިއަހަރުގެ ޙައްޖުވެރިން ރާއްޖެ އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހެއްގެ މަތިން 4 ފްލައިޓެއްގައެވެ. އަދި ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއަރޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިހާރު ވަނީ އައިއްސައެވެ.