ޚަބަރު
ޑެންމާކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޑެންމާކުން ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އެރުވުން. ފޮޓޯ: ރައީސް އޮފީސް
ޑެންމާކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ރަސްމަސް އަބިލްގާޑް ކްރިސްޓެންސެން މިއަދު ހެނދުނު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަައްމަދު މުޢއިޒަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ޖުމްހޫރީ މައިދާނުން ރައީސް އޮފީހަށް ސަފީރު ވަޑައިގަތުމުގައި، އެމްއެންޑީއެފްގެ ޑްރަމް އެންޑް ޓްރަމްޕެޓް ބޭންޑާއެކު ސަގާފީ ހައިކޮޅު ޖަމާޢަތުގެ އިޙްތިރާމް ލިބިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު އަދި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ.
ދިވެހިރާއްޖެއިން ޑެންމާކާއެކު އޮންނަ ގުޅުމަށް ދެއްވާ މަތީ އަހައްމިއްޔަތުކަން ރައީސް ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ޑެންމާކުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޑެންމާކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ފަތުރުވެރިންގެ އަދަދު ގިނަކަން ފާހަގަކުރައްވައި، އައު ޓާމިނަލް ހުޅުވުމާއެކު އިތުރު ގުޅުންތައް ޤާއިމްވެގެންދާނެ ކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޑެންމާކާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވިފައިވަނީ 8 ނޮވެމްބަރު 1982 ގައެވެ.