ޚަބަރު
ކުރިއަށް އޮތް އަހަރުތަކުގައި ވެސް ޙައްޖު ދަތުރުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަ ކުރާނަން: ޝަކީލް

ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް. ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖުގެ އަޅުކަމަށްވެސް މި އަހަރަށްވުރެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އިސްކަންދެއްވާނެކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ޝަކީލްގެ ވަހަކަފުޅުގައި ވަނީ މިއީ ދިވެހި ޙައްޖުވެރިން، މައްކާއިން މަދީނާއަށް ފުރަތަމަ ފަހަރަށް ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރެއްވި ކަން ފާހަގަކުރައްވައިފައެވެ. އަދި ހައިސްޕީޑް ޓްރެއިންގައި ކުރެވުނު މި މައްކާ މަދީނާ ދަތުރާއިމެދު ހުރިހާ ޙާޖީންވެސް ތިއްބެވީ ވަރަށް ހިތްހަމަޖެހިފައިކަމަށާއި، އަދި މި ބަދަލަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ގެނެވުނު ބަދަލެއްކަން ފާހަގަކުރެއްވިއެވެ.
މައްކާއިން މަދީނާއަށް ދަތުރުކުރާއިރު ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކަށް ހަމަޖެއްސުމުގެ ގޮތުން ހައި ސްޕީޑް ޓްރެއިންގައި އިންތިޒާމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން އަޅުގަނޑުމެން މި އިންތިޒާމްކޮށްދިނީ.
ޝަކީލް ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖުގައިވެސް މިހާރު ކަނޑައެޅިފައިވާ އިންތިޒާމުތަކަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރާނެކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މި އަހަރުގެ އިންތިޒާމުތަކަކީ ކުރިއަށް އޮތް އަހަރުތަކުގެ ބެންޗްމާކެއްގެ ގޮތުގައި ބަލައި، އިތުރަށް ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު، މި އަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަދި ފުރިހަމަ އަހަރެވެ. އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވް ހަމަޖެއްސުމާއި، މިނާ އަދި ޢަރަފާތުގައި ދިވެހީންނަށް ޚާއްޞަ ފޭލިގެތަކެއް ކަނޑައަޅައި، ފަސޭހައިން އަޅުކަމުގައި ތިބެވޭނެ އިންތިޒާމުތައް ހަމަޖެއްސިއެވެ. މީގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި ހިލޭ ބޭސް ލިބޭނެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.