Ads by Stelco

ޚަބަރު

ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ވަޒީރު ހައިދަރު ތަގުރީރު ކުރައްވައިފި

ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ވަޒީރު ހައިދަރު ތަގުރީރު ކުރައްވައިފި

ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 05:20

04 ޖޫން 2025، 05:20

ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން  މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ތަގުރީރު ކުރައްވައިފިއެވެ. 

މސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭން އަބަދުވެސް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ހައިދަރުގެ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ. 

ވަޒީރު ޑރ. ހައިދަރު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް، އިޖުތިމާޢީ އަދާލަތު ގާއިމުކޮށް، އެންމެންގެ ބައިވެރިވުން އޮންނަ ދެމެހެއްޓެނިވި ލޭބަރ މާކެޓެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އައިއެލްއޯގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށާއި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކަށީގެންވާ ވަޒީފާތައް އުފެއްދުމަކީ އިގްތިސާދީ ތަރައްގީއާ ވަކިނުކުރެވޭނެ އެއްޗެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު ފާސްކޮށްފައިވާކަން ފާހަގަކުރައްވައި، ރައްކާތެރި، އަބުރުވެރި އަދި ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތު މާހައުލެއް ގާއިމުކުރަން ރާއްޖޭން ސާބިތުކަމާއެކު ތިބިކަން މި ޤާނޫނުން ހާމަވެގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމު ތަރައްގީވެގެންދާނީ މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަރުކުރެވިގެން ކަމަށް ރާއްޖޭން ގަބޫލުކުރާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރު ކުރުމަށް ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން އައިއެލްއޯގެ "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގައި ބައިވެރިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުންވެސް އެކި ކަންކަމުގައި ވަޒީފާ ދޭ ފަރާތްތަކާއި މަސައްކަތްތެރިންނާ ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ތަގުރީރު ނިންމަވާލައްވަމުން، އިޖުތިމާޢީ އަދާލަތު ޤާއިމުކޮށް ރައްކާތެރި މަސައްކަތު މާހައުލެއް ގާއިމުކުރުމަށް އައިއެލްއޯއިން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އެންމެން ގުޅިގެން މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް، ރައްކާތެރި، އަބުރުވެރި އަދި ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ގޮވާލައްވާފައިވެއެވެ.

މިހާރުކުރިއަށް މިދަނީ 113ވަނަ ބައިނަލްއަގުވާމީ ލޭބަރ ކޮންފަރެންސްއެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS