ޚަބަރު
ދިވެހި އުފެއްދުންތެރިންގެ މަޢުރަޒުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ، ދިވެހި ފަންނުވެރީންނާއި އުފެއްދުންތެރީން: ވަޒީރު ސަޢީދުު

ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
ދިވެހި އުފެއްދުންތެރިންގެ މަޢުރަޒުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރީން ކަަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިކަަމާއިގުޅިގެން އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމުގެ ކްރިއޭޓިވް އިންޑަސްޓްރީ ބާރުވެރިކުރުމުގެ މަޤްޞަދުގައި ބޭއްވުނު "މޯލްޑިވްސް އެކްސްޕޯ 2025" ނުވަ ދުވަހުގެ މުއްދަތަށްފަހު ވަނީ ނިމުމަކަށް އައިސްފައި ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ޙަޤީޤަތަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދެވުނު މުހިންމު މަޝްރޫޢެއްކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި މަޢުރަޒަކީ ޤައުމީ އުފެއްދުންތެރިކަމުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގެ ޙިއްޞާ އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށާއި މި މަޢުރަޒުގައި ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް ޑިސްޓްރިކްޓް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ނަމުގައި ވަކިވަކި ސަރަޙައްދުތަކެއް ޤާއިމުކޮށް، ކާމިޔާބު ގިނަ ހަރަކާތްތަކެއް ވަނީ ހިންގިފައިކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެންޓަޓެއިންމަންޓް ޑިސްޓްރިކްޓްގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން، ކުޑަކުދިންނާއި އާއިލާތަކަށް ޚާއްޞަކޮށްގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވެވިއެވެ.
މި މަޢުރަޒުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ، ދިވެހި ފަންނުވެރީންނާއި އުފެއްދުންތެރީން. ހީވާގި މަސައްކަތްތެރީން. މަޢުރަޒުގައި އެކި އުފެއްދުމާއި ހުނަރު ބައިވެރިކުރެއްވި ހުރިހާ ފަރާތްތަކަށް ވަކީން ޚާއްޞަ ޝުކުރެއް ދަންނަވަން
ވަޒީރު މުޙައްމަދު ސައީދު
މި މަޢުރަޒު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބީސީސީގެ މެނޭޖްމަންޓާއި މުޅި ޓީމް އަދި އެވުޒާރާގެ ޓީމުން ކުރި މަސައްކަތް ޚާއްޞަ ގޮތެއްގައި ވަޒީރު ފާހަގަކުރައްވައިވައިފައިވެއެވެ.