Ads by Aqeeqa Maldives

ޚަބަރު

މިސަރުކާރުން ނަރުހުންގެ އަގުވަޒަންކޮށް ނަރުހުންގެ އަޑުއަހައި އިޖާބަދޭނަށް: ރައީސް މުޢިއްޒު

މިސަރުކާރުން ނަރުހުންގެ އަގުވަޒަންކޮށް ނަރުހުންގެ އަޑުއަހައި އިޖާބަދޭނަށް: ރައީސް މުޢިއްޒު

ތެލެސީމިޔާ ސެންޓަރަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ބައެއް ނަރުހުންނާއި އެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2025، 12:12

12 މޭ 2025، 12:12

މިސަރުކާރުން ނަރުހުންގެ އަގުވަޒަންކޮށް ނަރުހުންގެ އަޑުއަހައި އިޖާބަދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވެމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. 

ރައީސް މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވީ ރާއްޖޭގައި ޚިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންކަމަށެވެ. އަދި މިކަމުން ދޭހަވަނީ، މިފަދަ ބުރަ، ޤައުމީ އަދި އިންސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރު ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ޞިއްޙީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވާކަމަށާއި، ޤައުމަށް ބޭނުންތެރި މި ޚިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، ބަލިމީހާއާއި، ޢާއިލާއާއި، ޑޮކްޓަރާ މުޢާމަލާތު ކުރަމުން، ހާލުބަލަމުން، ބޭސްފަރުވާ ދެމުން، ބައެއް ޙާލަތްތަކުގައި ބަލިމީހުންނަށް ކާންދީ، ތާހިރުކުރަންވެސް ޖެހޭކަމަށެވެ. 

ދުނިޔެއަށް އަލަށް ލޯހުޅުވައިލާ ތުއްތު ކުއްޖާއާއި، ދުނިޔެ ދޫކޮށް ލޯމަރައިލާ މީހާގެ ގާތުގައިވެސް ޚިދުމަތުގައި ވެސް ނަރުސް ހުންނަން ޖެހޭ ކަމަށާއި ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކު ނަރުހަކު ޚިދުމަތް ކުރަނީ، އަމިއްލަ ޢާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އެހެންކަމުން، ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން މި އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނަން، ނަރުހުންގެ އަޑުއަހައި އިޖާބަދޭނަން، އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނަން” ރަޢީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަރުހުންގެ އަގުހުރި ޤައުމީ ޚިދުމަތަށް ބަސްތަކަކުން، ލަފުޒުތަކަކުން، ތަޢުބީރުކުރުންތަކަކުން ޝުކުރު އަދައެއް ނުކުރެވޭނެކަމަށެވެ. 

އަދި ވަރުބަލިވުމެއް ނެތި ކުރާ ހިންމަތާއި މިންނަތަށް، ކުއްލި ޙާލަތްތަކާއި، ބޮޑެތި ބަލިތަކާއި ވަބާތައް ބޯމަތިވެގެން އަންނައިރު، ޚިދުމަތުގެ ކުރީ ސަފުގައި ދައްކާ ސާބިތުކަމަކަށް އަގު އަދާނުކުރެވޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS