ޚަބަރު
ޔުމްނުގެ މައްސަލާގައި މައްސަލައާއި ގުޅުންހުރި ފަރާތްތަކާ ސުވާލުކުރަން ފަށައިފި

ރިޔާސީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ރައީސް އޮފީސް
ޔުމްނުގެ މައްސަލާގައި، މައްސަލައާއި ގުޅުންހުރި ފަރަތްތަކާ ސުވާލުކުރަން ފަށައިފައިވާ ކަމަށް އިންކުއެރީ ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން ބުނެފައިވަނީ މެންބަރުން ވަނީ، މިއަދާހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވައި، މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ފައްޓަވައިފައި ކަމަށެވެ.
މިމައްސަލައަކީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ މީހަކު ފެނުނު މައްސަލައެވެ.
ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ގ.ރަނައުރާގެއާގެ ހައްވާ ޔުމްނު ރަޝީދެވެ. ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޝަނެއް އުފެއްދެވީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަނަށް ރައީސް ޑރ މުޢިއްޒު ވަނީ ގިނަ ބާރުތަކެއް ދެއްވާފައެވެ.
ރައީސް މުޢިއްޒު އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއްވެސްވަނީ ހުޅުވާލާފައެވެ. މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯއާއި ވީޑީއޯ އާއި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތުތައް ކޮމިޝަނާއި ހިއްސާ ކުރެވޭނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.