ވިޔަފާރި / ޚަބަރު
އޭޕްރިލް މަހު މީރާއަށް 2.60 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާގެ އޮފީސް ހުންނަ އިމާރާތް. ފޮޓޯ: ޕީއެސްއެމް
މި ފާއިތުވި އޭޕްރީލް މަހު މީރާއަށް 2.60 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހު މީރާއަށް 2.60 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މި އަހަރު އޭޕްރީލްގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %1.6 އިތުރު އަދަދެކެވެ.
އޭޕްރީލް މަހު ލިބުނު އާމްދަނީގެ ކުރު ތަފްސީލެއް:-
- ޖީއެސްޓީ – 1.65 ބިލިޔަން ރުފިޔާ - އާމްދަނީގެ %63.4
- ގްރީން ޓެކްސް – 226.7 މިލިޔަން ރުފިޔާ - އާމްދަނީގެ %8.7
- އިންކަމް ޓެކްސް – 176.5 މިލިޔަން ރުފިޔާ - އާމްދަނީގެ %6.8
- އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ – 155.3 މިލިޔަން ރުފިޔާ - އާމްދަނީގެ %6.0
- ޑިޕަރޓްމަންޓް ޓެކްސް – 153.2 މިލިޔަން ރުފިޔާ - އާމްދަނީގެ %5.9
- ޓޫރިޒަމް ލޭންޑް ރެންޓް – 9.4 މިލިޔަން ރުފިޔާ - އާމްދަނީގެ %3.6
ޑޮލަރު އާމްދާނީގެ ގޮތުގައި ލިބިފައިވަނީ 125.09 މިލިޔަން އެމެރިކާ ޑޮލަރެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ އޭޕްރިލް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މި އަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުވެރިންގެ ނިސްބަތްވެސްވަނީ %4.8 ވަނީ އިތުރުވެފައެވެ. މީގެއިތުރުން 1 ޖެނުއަރީން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އެއަރޕޯޓް ޓެކުހުގެ ފީގެ އާމްދަނީ އިތުރުވުމަކީވެސް އާމްދަނީ އިތުރުވި އެއް ސަބަބުކަމަށް މީރާއިން ފާހަގަކުރެއެވެ.