ޚަބަރު
10 ދުވަސް ތެރޭގައި ތެލެސީމިޔާ ސެންޓަރުގެ ޚިދުމަތް ހޮސްޕިޓަލް ފެންވަރުގައި ދެވެންފެށޭނެ: ރައީސް

އްޔިތުންގެ އަޑު ޕޮޑްކާސްޓްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
10 ދުވަސް ތެރޭގައި ތެލެސީމިޔާ ސެންޓަރުގެ ޚިދުމަތް ހޮސްޕިޓަލް ފެންވަރުގައި ދެވެންފެށޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ އަޑު ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ތެލެސީމިޔާ ކުދިންނާއި އެކުދިންގެ އާއިލާއަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މިހާރު ކުރިއަށްދަނީ ތެލެސީމިޔާ ސެންޓަރު، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާކަމަށެވެ.
ތެލަސީމީޔާ ސެންޓަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ޑރ މުޢިއްޒު ވިދާޅުވީ މިއަދާހަމައަށް އައިރު ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.
އެގޮތުން ތެލަސީމިޔާ ސެންޓަރު ހިންގުން އޮރެންޖު ހިޔާއަށް ބަދަލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖާގައިގެ އިތުރުން އެ ސެންޓަރުގެ ވަޞީލަތްތައްވެސް ރަނގަޅުވާނެކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ވަޞީލަތްތައް ހޯދުމަށާއި މުވައްޒަފުން އިތުރުކުރުމަށް މާލީ ވުޒާރާއަށް އަންގާފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ގިނަވެގެން 2 ހަފްތާގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ތެލަސީމިއާ ސެންޓަރު، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރެވޭނެކަމަށާއި، މިހާރު އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ތަނަށް ބޭނުންވާ 12 ވަރަކަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަލިބި މިހާރު އެމަސައްކަތްވެސް ދަނީ ކުރިޔަށްކަމަށެވެ. އަދި ތަން ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ހިންގާގޮޔް ބަދަލުކުރުން އެއީ ވަރަށް މުހިއްމުކަމެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެންބީއެސް ބަދަލުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހުޅުމާލެއަށް ބަދަލުކުރުމުން ހުޅުމާލޭ ހޮސްޕުޓަލުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެކަމަށެވެ. އަދި މާލެއިން ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އައިޖީއެމްއެޗްއަށް ގޮސްގެން ލޭ ދެވޭނެކަމަށާއި، ލޭ ރައްކާތެރިކަމާއެކު އޮރެންޖް ހިޔާއަށް ގެނެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ.