ޚަބަރު
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

އިސްލާމީ ވަޒީރު ޑރ ޝަހީމް އަދި އޯއައިސީގެ ސެކްޜެޓަރީ ޖެނެރަލް. ފޮޓޯ: އިސްލާޟި ވުޒާެރާ
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހިމްއާއި ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާޙިމް ޠާޙާ އާއި އެ މަނިކުފާނާއެކު ވަޑައިގެންނެވި ބޭފުޅުންގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް ވަނީ އެ ބޭފުޅުން ރާއްޖެއަށް ވަޑައިގެން ވުޒާރާއަށް ޒިޔާރަތް ކުރައްވާ ބައްދަލުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
އަދި އޯއައިސީން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ވަޒީރު ވަނީ އެކަންކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ފަލަސްޠީނުގެ މައްސަލައިގައި އޯއައިސީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. ހަމަމިއާއިއެކު މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިތުރަށް ތަރައްޤީ ކުރުމަށް އޯއައިސީގެ ދަށުން ހިންގަމުން އަންނަ ޔުނިވާސީޓީތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯދުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެ އިތުރުން އޯއައިސީގެ މެންޑޭޓުގައި ހިމެނޭ ދީނީ އެކި ކަންތައްތަކާ ގުޅޭ މަސައްކަތްތައް އޯއައިސީގައި ހިމެނޭ ޤައުމުތަކާއި ގުޅިގެން ކުރެވިދާނެ ގޮތްތަކާއިމެދުވެސް މި ބައްދަލުކުރެއްވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.