ޚަބަރު
މަޢުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ނޫސްވެރިންނާ ގުޅިގެން މަސައްކަތްކުރާނަން: ފުލުހުން

ދިވެހި ފުލުހުންގެ ވެހިކަލެއް. ފޮޓޯ: ޕޮލިސް މީޑިއާ
މަޢުލޫމާތު ހޯދުމުގައި ނޫސްވެރިނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ނޫސްވެރިންނާއި ގުޅިގެން މަސައްކަތްކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައެވެ.
ފުލުހުންގެ ބަަޔާނުގައި ބުނެފައިވަނީ އިންސާނީ ހައްޤުިތަކާއި ކަރާމާތް ހިމާޔަތްކޮށް، ޢަދުލުއިންސާފު ޤާއިމުކުރުމުގައި ނޫސްވެރިން އަދާކުރައްވާ އަގުހުރި އަދި މުހިންމު ދައުރު ފާހަގަކޮށް، ތިޔަ ބޭފުޅުންގެ މަސައްކަތަށް ޝުކުރު ދަންނަވާކަމަށެވެ.
ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައްޙަ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ނޫސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މަޢުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ފޯރުކޮށްދެވޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް، އަދި އޮޅުންއަރާފަދަ މަޢުލޫމާތު ފެތުރުން މަދުކުރުމަށް އެ މުއައްސަސާއިން ނޫސްވެރިންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 2024-2028 ގެ ސްޓްރެޓެޖިކް ޕްލޭންގައި ވާގޮތުގެ މަތިން، ބިލު މުވައްޒަފުން ބިނާކުރުމާއި، އަހުލާގީ މިންގަނޑުތައް ކުރިއެރުވުމާއި، ހާމަކަން ބޮޑު އަދި ޓެކްނޮލޮޖީއަށް ބަރޯސާވާ ޙައްލުތަކުގެ ޒަރީއާއިން ހިންގުން ހަރުދަނާކުރުމުގެ ތެރެއިން، އެކަށޭނަ ވަގުތުގައި، ސައްހަ އަދި ޒިންމާދާރު ގޮތެއްގައި މަޢުލޫމާތު ފެތުރުމަށްޓަކައި މީޑިއާއާއެކު ގާތުން މަސައްކަތްކުރެވޭގޮތަށް ރޭވެމުންދާކަަމަށެވެ.
“އަޅުގަނޑުމެންގެ މަސައްކަތުގައި، ކުށް ހުއްޓުވުމާއި، އާންމު ރައްކާތެރިކަމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގައި މީޑިއާއަކީ މުހިންމު ބައިވެރިއެއް، ނާޒުކު ހާލަތްތަކުގައިވެސް، އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދީ، މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ތެދުވެރިކަމާއެކު މަސައްކަތްކުރައްވާ ނޫސްވެރިންގެ އަގު ދިވެހި ފުލުހުންގެ ޚިދުމަތުން ވަޒަންކުރަން” ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މުހިންމު ދުވަހުގައި، ނޫސްވެރިންނަށް ބިރުވެރިކަމެއް، ފުރައްސާރައެއް ނުވަތަ ހުރަހެއްނެތި ތިޔަ ބޭފުޅުންގެ ވާޖިބު އަދާކުރެވޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެއްބާރުލުން ލިބެމުންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ފުލުހުން ބުނެފައިވެއެވެ.