ޚަބަރު
މުލީ އެއަރޕޯޓުގައި މިހާރު ކުރިއަށްދަނީ ސިވިލް އޭވިއޭޝަންއިން ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް: ރީޖަނަލް އެއަރޕޯޓްސް

މުލީނ އެއަރޕޯޓުގެ ރަންވޭ. ފޮޓޯ: ޕީއެސްއެމް
މުލީ އެއަރޕޯޓުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއަރޕޯޓުގައި ސިވިލް އޭވިއޭޝަންއިން ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެފިއެވެ.
ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން އަށް ހަވާލާދީ ދައުލަތުގެ މީޑީއާ ޕީއެސްއެމްގައި ބުނެފައިވަނީ އެއަރޕޯޓުގައި އޭޕްރީލް 25ވަނަ ދުވަހު ބޭއްވި ޓެސްޓް ފްލައިޓަށްފަހު، މިހާރު ކުރަމުންދަނީ ސިވިލް އޭވިއޭޝަންއިން ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްކަމަށެވެ. އަދި އެއަށްފަހު ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، ރަސްމީކޮށް އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށެވެ.
މުބީން ވިދާޅުވެފައިވަނީ މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވާނީ، ޝެޑިއުލް ދަތުރުތަކާއެކުކަމަށެވެ.ކުރިން ނިންމާފައި އޮތީ މިމަހުގެ 1 ވަނަ ދުވަހު ބައްވާ ޚާއްސަ ރަސްމިއްޔާތަކާއެކު މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކަމަށާއި، ނަމަވެސް އެއަރޕޯޓް ހުޅުވުން ލަސްކުރީ، ޝެޑިއުލް ދަތުރުތަކާއެކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށްކަމަށް މުބީން ވިދާޅުވިއެވެ.
އެހެންކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަންލަންޖެހޭ ކަންކަން ބަލާ އަދި ފްލައިޓް އޮޕަރޭޓަރުންނާއެކު ކޮމާޝަލް ދަރުތުތައް ފެށުމަށް ތާރީޚް ކަނޑައެލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މުބީން ވިދާޅުވީ މުލި އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް، އަންނަ އާދިއްތަދުވަހު ރާއްޖޭގެ އެއަރލައިންތަކާއެކު ބައްދަލުކުރާނެކަމަށްވެސް މުބީން ވިދާޅުވެފައިވެއެވެ.މުބީން ވިދާޅުވީ ފްލައިޓް އޮޕަރޭޓަރުންނާ ބައްދަލުކޮށް، ކޮމާޝަލް ދަތުރުތައް ފެށުމަށް 15-20 ދުވަހުގެ މުއްދަތެއް ބޭނުންވާނެކަމަށް ލަފާކުރެވޭކަމަށެވެ.މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ޑޮމެސްޓިކް ދަތުރުރަކަށް ޚާއްސަ އެއަރޕޯޓެކެވެ. މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމު މުޢިއްޒެވެ.