Ads by Aqeeqa Maldives

ޚަބަރު

މ.މުލީގައި މާދަމާ ޑަޔެލިސިސްގެ ޚިދުމަތް ފަށަނީ

މ.މުލީގައި މާދަމާ ޑަޔެލިސިސްގެ ޚިދުމަތް ފަށަނީ

މުލީ ރީޖަނަލް ހޮސްޕިޓަަލުގައި ގާއިމް ކޮށްފައިވާ ޑަޔެލިސިސް ސެންޓަރު. ފޮޓޯ: ފޭސްބުކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މޭ 2025، 01:53

01 މޭ 2025، 01:53

މ.މުލީ ރީޖަނަލް ހޮސްޕިޓަލުގައި މާދަމާ ޑަޔެލިސިސްގެ ޚިދުމަތް ފަށާނެއެވެ. 

މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހުސެއިން ލަޠީފް “ފަރުދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެހޮސްޕިޓަލްގައި ގާއިމް ކޮށްފައިވާ ޑަޔެލަސިސް ސެންޓަރުގެ މަސައްކަތް ނިމި އެތަން ހޮސްޕިޓަލާއި ހަވާލުކޮށް މާދަމާ އެތަނުގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ލަޠީފް ވިދާޅުވީ މުޅި މ.އަތޮޅުގައި ޑަޔަލިސްސްގެ ޚިދުމަތް ހޯދާ 6 ޕޭޝަންޓުން އެބަތިބި ކަމަށެވެ. އަދި މި ޚިދުމަތް އަތޮޅުގައި ފެށިގެން ދިޔުމުން އެޚިދުމަތް ހޯދުމަށް މާލެ ގޮސް ކުރަން ޖެހޭ ޚަރަދަށާއި އެހެން ކަންކަމުން ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށެވެ. 

ޞިއްޙީ ވުޒާރާއިން މެޑް ޓެކް އާއި ހަވާލުކޮށްގެން ގާއިމްކުރި މި ޑަޔެލިސްސް ސެންޓަރުގެ މަސައްކަތް ފަށައިފައިވަނީ މިއަހަރުގެ މާރޗް މަހުގެ ކުރީކޮޅުގައި ކަމަށެވެ. މި ސެންޓަރުން އެއްފަހަރާ 3 ޕޭޝަންޓުންނަށް ޚިދުމަތް ދެވޭނެ ކަމަށްވެސް ލަޠީފް ވިދާޅުވިއެވެ. 

މީގެއިތުރުން ޚިދުމަތް ފަށައިގަތުމުގެ ގޮތުން އެޚިދުމަތަށް ޚާއްސަ 4 ނަރުހަކު ތަމްރީނު ކުރެވިފައިވާ ކަމަށާއި ޚިދުމަތަށް ޚާއްސަ ޑޮކްޓަރުންވެސް އެހޮސްޕިޓަލުގައި ތިއްބަވާ ކަމަށް ލަޠީފް ވިދާޅުވިއެވެ. 

ލަޠީފް ވިދާޅުވީ މިޚިދުމަތް މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފެށިގެން ދިޔުމަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ވަރަށް ބޮޑު ލުއިފަސޭއެއް ކަމަށް ވެގެންދާނެ ކަމަށެވެ. 

އަތޮޅު ތެރޭގެ ރަށްރަށުން މިފަދަ ޚިދުމަތްތައް ފެށި ދެމެހެެއްޓެނިވި ގޮތެއްގައި ދެވިގެން ދިޔުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އަންނާނެ ރަނގަޅު ބަދަލެކެވެ. އަދި މިފަދަ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ވާނެހެން މިފަދަ ޚިދުމަތްތައްދީ ޞިއްޙީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަކީ މިސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS