ޚަބަރު
ކޮމިޝަންގެ ފުރަތަމަ މަސައްކަތަކަށް ވާނީ މިހާހިސާބަށް ފުލުހުން ކޮށްފައިހުރި މަސައްކަތްތައް ބެލުން: މުނައްވަރު

ރިޔާސީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓި ޚަބަރު ހުސްވެފައި އޮތް ހައްވާ ޔުމްނުގެ މައްސަލަ ބަލަން އެކުަލަވައިލެއްވި ކޮމިޝަންގެ ފުރަތަމަ މަސައްކަތަކަށްވާނީ މިމައްސަލާގައި ފުލުހުން ތަހުޤީޤަށް މިހާތަނަށް ކޮށްފައި ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުން ކަމަށް އެކޮމިޝަންގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޑރ މުނައްވަރު ވިދާޅުވީ އެކޮމިޝަނާއި ހަވާލުކުރެވިފައިވަނީ ހާދިސާ ހިނގާދިޔަގޮތް ތަހުޤީޤު ކުރަން ކަމަށާއި، އެހެންވެއްޖެއްޔާ އެކޮމިޝަނުން ބަލާނީ މިހާތަނަށް ފުލުހުންގެ ތަހުޤީޤަށް މިހާހިސާބަށް ލިބިފައިހުރި މައުލޫމާތުތަކާއި ބޭރުތެރެއިން ލިބެން ހުންނަ ހުރިހާ މައުލޫމާތަކާއި އެކު މިކަން ހިނގީ ކިހިނެއްތޯ ކަމަށެެވެ.
އެގޮތުން ފުލުހުން މިހާތަނަށް ހޯދައިފައިހުރި ކަންކަން ބަލައި ބަޔާނެއް ނަގައިފައިވާނަމަ އެބަޔާނެއް ދެވަނަ ފަހަރަށް ކޮމިޝަނުން ނަގަން ޖެހޭނެކަމަކަށް ޤަބޫލެއް ނުކުރައްވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ބަޔާނެއް ނުނަގައި އޮވެގެން ނަގަންޖެހޭނެމަވެސް ޕްރޮސިކިޔުޓާ ޖެނެރަލްގެ ލަފަޔާއި އެކު އެކަން ކުރެވޭނެ ކަމަށާއި ބޭނުންފުޅުވެވަޑައިގަންނަވަނީ މައްސަލަ ތަހުޤީޤު ކޮށް ކޮމިޝަންގެ މަސައްކަތް ވީއެންމެ އަވަހަށް ނިންމެވުމަށް ކަމަށެވެ.