ޚަބަރު
ޑީބީއެމްގެ ބޯޑު މެންބަރުކަމުން އަހުމަދު އަލީ އިސްތިއުފާ ދެއްވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑްގެ އޮފީސް. ފޮޓޯ:ދިޔަރެސް
ދިވެހިރާއްޖޭގެ އައު ޑިވެލޮޕްމަންޓް ބޭންކް ކަމުގައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ބޯޑު މެންބަރެއްގެ މަޤާމުން އަޙްމަދު ޢަލީ އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނެފައިވަނީ، އަޙްމަދު ޢަލީ އިއްޔެ އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން، އެ ބޯޑުން ވަނީ އޭނާގެ އިސްތިއުފާ ޤަބޫލުކޮށް، މަޤާމުން ވަކިކޮށްފައިކަމަށެވެ.
މި އިސްތިއުފާއާ ގުޅިގެން ޑީބީއެމްގެ ބޯޑުގައި މިހާރު ތިއްބެވީ ސަޢީދު ޢަބްދުއްނާޞިރު ބިން ސަޢީދު ޙަސަން އަލް ޖުނައިދީ އަދި ރޮބަޓް ޑެނިއަލް ކާންޓެވެ. ބޭންކުގެ ޗެއަރޕާސަނަކީ އަރޫނީ ގޫނަތިލަކައެވެ.
އަޙްމަދު ޢަލީގެ އިސްތިއުފާ ކުރިން، މިދިޔަ މަހު ޑީބީއެމްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯގެ މަޤާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ބޭންކަށް ލައިސަންސް ދޫކުރީ އޮކްޓޯބަރު މަހުގައެވެ. އަދި ބޭންކް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭގައެވެ.
ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދެއްވީ 13 އޮކްޓޫބަރު 2024 ގައެވެ.