ޚަބަރު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން ހުށައަޅައިފައިވޭ

ްއިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން ފޯމު ހުށައަޅައިފައިވާ ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ސައީދު ވިދާޅުވީ އެ މައުރަޒު ބާއްވާ މަޤްސަދަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި އެ ހަރަކާތް އެހެން އަހަރުތަކާއި ހިލާފަށް ވަރަށް ފުޅާ ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށެވެ.
ވަޒީރު ސަޢީދު ވިދާޅުވީ މިހާތަނަށް ގާތްގަނޑަކަށް 256 އެޕްލިކޭޝަން ލިބިފައިވާކަމަށާއި އޭގެ ތެރޭގައި ޖުމްލަ 4415 ތަފާތު އުފެއްދުންތައް މިހާރު ވެސް ހިމެނޭ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ގަސްތު ކޮށްފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކަމަށެވެ. އޭގެ ތެރޭގައި އެކިއެކި ޒޯންތަކަށް ބަހާލައިގެން ކްރިއޭޓިވް އެކޮނޮމީ، އެންޓަޓެއިންމެންޓް، ޑިޖިޓަލް އިނިވޭޓިވް އަދި ދިވެހި އުފެއްދުންތައް ހިމެނޭ މާކެޓް ފްލޭސް ހިމެނޭނެ ކަމަށެވެ.
އަދި އެ މައުރަޒު ކުރިއަށް ދަނީ ބައިނަލްއަގްވާމީ ފަރާތްތަކަށް ވެސް ދައުވަތު ދީގެން ކަމަށާއި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 25 އަށް އިތުރުކޮށްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބީސީސީގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.