Ads by Aqeeqa Maldives

ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރަކަމަށް ފައިސަލް އައްޔަނުކުރުމަށް ނިންމައިފި

ހައިކޯޓުގެ އިސްފަނޑިޔާރަކަމަށް ފައިސަލް އައްޔަނުކުރުމަށް ނިންމައިފި

ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝަހީދު އަދި މިހާރުގެ އިސްފަނޑިޔާރު ފައިސަލް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2025، 03:43

18 އޭޕްރީލު 2025، 03:43

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އެކޯޓުގެ އިސްފަނޑިޔާރުކަން ވަގުތީ ގޮތުން ކުރައްވަމުންގެންދަވާ އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަންކުރުމަށް ޖުޑީސަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއިން ނިންމަވައިފިއެވެ. 

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ފައިޞަލް އައްޔަންކުރަން ނިންމަވާފައިވަނީ ޖޭއެސްސީގެ މިއަހަރުގެ 15ވަނަ ޖަލްސާގައެވެ.ފަނޑިޔާރު ފައިސަލް މި މަޤާމަށް ޢައްޔަނުކުރެއްވުމަށް ނިންމާފައިވަނީ، ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެން، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމު ހުސްވުމުންނެވެ. މިމަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވަނީވެސް ފަނޑިޔާރު ފައިޞަލްއެވެ.

ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއިއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުގައި ތިއްބަވާ މެންބަރުންނަކީ، އަލްއުސްތާޛު މުޙައްމަދު ނިޔާޒު، އަލްއުސްތާޛު ޙުސައިން މަޒީދު، އަލްއުސްތާޛު ޙަސަން ޝަފީޢު، އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު، އަލްއުސްތާޛާ ދީބީނާޒް ފަހުމީ، އަލްއުސްތާޛު މުޙައްމަދު ސަލީމް، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.

ޝަރީޢަތާއި ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވާ ފަނޑިޔާރު ފައިޞަލްއަކީ 2012ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސް.އެމް.އެން.އެސް އިކުއިޓީ ޗެމްބަރގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.

ފަނޑިޔާރު ފައިޞަލް ވަނީ 2014ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން އަދާކުރައްވާފައެވެ. އަދި އެ އަހަރުގެ ޖުލައި މަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމާ ހަމައަށް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އޭނާ ޢައްޔަނުކުރެވިފައިވަނީ 2018ވަނަ އަހަރުގެ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS