Ads by Aqeeqa Maldives

ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސްގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސްގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ރައްޔިތުންނާއި ގާތުން ޕޮޑްކާސްޓުގެ ތެރެއިން.ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޭޕްރީލު 2025، 02:24

17 އޭޕްރީލު 2025، 02:24

ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. 

ރައީސް ޑރ މުޢިއްޒު މިކަން އިޢުލާނު ކުރައްވައިފައިވަނީ މިއަދު އޮތް ރައްޔިތުންނާއި އެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް މުޢިއްޒު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށެވެ. 

މީގެއިތުރުން މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށާއި، މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް، ނޫސްވެރިންނަށް ދަޢުވަތު ދެއްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.  

ހަމަމިއާއިއެކު ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ.

ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

 ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މަޢުލޫމާތު ޙިއްޞާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ، ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS