Ads by Ministry of Arts, Culture and Heritage

ޚަބަރު

ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ ޖަލްސާއަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފި

ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ ޖަލްސާއަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފި

ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ދައުރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2026، 11:03

17 ނޮވެމްބަރު 2026، 11:03

 ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައި، އެ ޖަލްސާގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް 3 އަހަރު ފުރޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި ޕީއެންސީގެ ރިޔާސީ ޓިކެޓު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނަށް އަރުވާފައެވެ.

މި ކުލަގަދަ ޖަލްސާ ކުރިއަށްދާނީ މިރޭ  ގެ 20:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އަދި ދަޢުލަތުގެ ޢިއްޒަތްތެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޖަލްސާއަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ގެނެވުނު ތަރައްޤީއާއި، ސަރުކާރުން ހާސިލުކުރި ބޮޑެތި ކާމިޔާބީތައް ރައްޔިތުންނާ ހިއްސާކުރުމަށް ބޭއްވޭ ޖަލްސާއެކެވެ. މީގެއިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ރައްޔިތުންގެ ފައިދާއާއި ލާބައަށްޓަކައި ހިންގުމަށް ކަނޑައަޅާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށެވެ. އެގޮތުން 'ރަސްމާލެ' ފަދަ އިންޤިލާބީ ބިޔަ މަޝްރޫޢުތައް ފަށައިގަނެ، ގޯއްޗާއި ފްލެޓް ޙައްޤުވެރިންނާ ޙަވާލުކުރުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު ރާއްޖޭގައި ހުރި އެންމެ ހައްސާސް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްވެސް އަދުގެ ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އޭގެއިތުރުން، ޤައުމުގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށްޓަކައި މުހިންމު އިޞްލާޙީ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވަކިން ޚާއްޞަކޮށް، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ނުވަތަ ބޮޑެތި ދަރަނި މެނޭޖްކުރުމަށް ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅައި، ފައިސާ ޗާޕުކުރުން އެއްކޮށް ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ވަނީ ހިފެހެއްޓިފައެވެ. އަދި އިޤްތިޞާދު ސިންދަފާތުކޮށް ވަރުގަދަކުރުމަށް ޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ފަހި ފުރުޞަތުތައް ފަހިކޮށްދީފައިވެއެވެ.

ޤައުމީ ސަލާމަތާއި މިނިވަންކަމުގެ ދާއިރާއިން ވެސް މި ވެރިކަމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގައި ޤާއިމުވެ ތިބި ބޭރުގެ އަސްކަރީ ސިފައިން ޤައުމުން ފޮނުވާލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ދިވެހި އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް ހޯދައިދީ، ޤައުމުގެ ސިޔާދަތީ މިނިވަންކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ބަލި މަޑުކަމަށް ހައްލު ހޯދާ ދިނުމަށް އެތަކެއް މަސައްކަތްތަކެއްކޮށް، އެކަމުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދައި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރެވޭ ކޮޅުތައް ބަންދުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

މިރޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާއަށް ވީހާވެސް ގިނަ ޢާންމު ރައްޔިތުން ވަޑައިގެން، ސަރުކާރުގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވުމަށް ސަރުކާރުން އެދެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450