ޚަބަރު
ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް އާދީއްތަ ދުވަހު ފަށަނީ
ޔޫތް ހަބް ހުޅުވުމުގެ ތެރެއިން
ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ "ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް" މި ހިނގާ ނޮވެންބަރު މަހުގެ 22 ވާ އާދީއްތަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 22 އިން 24 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބްގެ ހޯލްގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިއާރުގެ ދަށުންނެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމައުގެ ތެރެއިން ހައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލު ކުރަމުންދާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ގައުމީ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ. އެހެންކަމުން "ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުސޫލުގެ މަތިން ބާއްވާ މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ސަރުކާރާއި ޒުވާނުންގެ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެކެވެ.
މި ކޮންފަރެންސްގެ މަޝްވަރާތައް މައިގަނޑު ހަ ދާއިރާއަކަށް އަމާޒުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން
- އާއިލާ، ގުޅުންތައް، އިޖުތިމާއީ ޒިންމާ އަދި މުޖުތަމައުގެ ދުޅަހެޔޮކަން
- އިޖުތިމާއީ އަދި އިގުތިސާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުސަތުތައް
- ނަފްސާނީ ބަލިތަކާ މެދު މުޖުތަމައުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ދެކޭގޮތް ބަދަލުކުރުން
- ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް
މުޖުތަމައުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން
މި ކޮންފަރެންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ތީމަކަށް ބަހާލައިގެންނެވެ. އެއީ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުމާއި، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމެވެ. އަދި ކޮންފަރެންސްގެ އެންމެ ފަހު ދުވަހު އޮންނާނީ މި މައްސަލަތަކަށް ޒުވާނުން ހުށަހަޅާ ހައްލުތައް ބަލައިގަތުމެވެ.
މި ހަރަކާތުގައި ކަމާގުޅޭ މުހިންމު ސްޓޭކްހޯލްޑަރުންގެ ގޮތުގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ، ނެޝަނަލް މެންޓަލް ހެލްތް ސެންޓަރ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)، އިސްލާމީ ކަންކަމާ ބެހޭ ވުޒާރާ، މޯލްޑިވްސް ޕޮލިސް ސާވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތުން ބައިވެރިވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.