Ads by Ministry of Arts, Culture and Heritage

ޚަބަރު

ޢަދާލަތުން ސަރުކާރާ ގުޅުނީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަމާއި ، ގައުމުގެ ސިޔާދަތު ހަރުދަނާކުރުމަށް: ޝިފާން

ޢަދާލަތުން ސަރުކާރާ ގުޅުނީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަމާއި ، ގައުމުގެ ސިޔާދަތު ހަރުދަނާކުރުމަށް: ޝިފާން

ޢަދާލަތު ޕާޓީގެ ރައީސް ޝައިހް ޝިފާން. ފޮޓޯ: ޕީއެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2026، 09:33

17 ނޮވެމްބަރު 2026، 09:33

ޢަދާލަތު ޕާޓީން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދީނީ ކަންކަމާއި ޤައުމުގެ ސިޔާދަތު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ގުޅިގެން މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމަށް ދެ ޕާޓީ ދެމެދު މިއަދު ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ޝިފާން ވިދާޅުވި ގޮތުގައި މި ނިންމުމަކީ ޕާޓީގެ ޢިލްމުވެރިންނާއި، މަޝްވަރާ މަޖިލީހާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޢާންމު މެންބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ. އަދި ޢަދާލަތު ޕާޓީ ބިނާވެފައިވާ އެންމެ ބޮޑު އަސާސަކީ އިސްލާމްދީނާއި ޤައުމުގެ ސިޔާދަތު ހިމާޔަތްކުރުމާއެކު، ޞައްޙަ ޢަޤީދާގެ މަތީގައި ޤައުމު ބިނާކޮށް ތަރައްޤީކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމާއި، ގައުމުގެ ސިޔާދަތާއި މިނިވަންކަން ވަރުދަގަކުރުމާއި ގައުމުގެ އިގުތިސާދު ރަނގަޅުކުރުމަށް ކުރައްވާ ކަންކަން އިތުރަށް ވަރުގަދަކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން،"

ޝިފާން ވިދާޅުވިއެވެ.

ޝިފާންގެ ވާހަކަފުޅުގައި، އިސްލާމީ މާލީ ނިޒާމު ވަރުގަދަކުރުމާއި، ޒަކާތާއި ވަޤުފުގެ ނިޒާމު ހަރުދަނާކުރުމަކީ ޢަދާލަތު ޕާޓީން އަބަދުވެސް ވަކާލާތުކުރާ ކަންކަން ކަމަށާއި، މި ސަރުކާރުން އެކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒުވާނުން ހެޔޮ ގޮތުގައި ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުތަކަކީ ޢަދާލަތު ޕާޓީންނާއި ރައްޔިތުންވެސް ބަލައިގަންނަ ކަންކަން ކަމަށް ވިދާޅުވިއެވެ. އަދި އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަކީ އެންމެ އަގުހުރި ނިޢުމަތް ކަމަށާއި، އެކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ރާއްޖޭގެ ސަރަޙައްދުން ކުޑަ މިންވަރެއްވެސް ދޫކޮށްނުލައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

 އަސާސީ ސިޔާސަތުތަކުގައި ޕީއެންސީއާއި ޢަދާލަތު ޕާޓީ އޮތީ އެއް ވިސްނުމެއްގައި ކަމަށް ޝިފާން ވިދާޅުވިއެވެ.

ދަރަނި އަދާކުރުމާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި އިގުތިސާދު ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އަދާލަތު ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އަރުވަން.  

ޝައިޙް މުޙައްމަދު ޝިފާން

ޝިފާން އިތުރަށް ވިދާޅުވީ ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރަން ނިންމީ ޢަދުލުވެރި އިޤްތިޞާދެއް ބިނާކޮށް، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ރަށްރަށަށް ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ނިޔަތުގައި ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޢިއްޒަށް ކާމިޔާބުކޮށްދެއްވުމަށްޓަކައި ޢަދާލަތު ޕާޓީގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450