Ads by Ministry of Arts, Culture and Heritage

ޚަބަރު

އިހުތިރާމުކުރުމަކީ ދިވެހިވަންތަކަމުގެ ފާހަގައެއް: ރައީސް

އިހުތިރާމުކުރުމަކީ ދިވެހިވަންތަކަމުގެ ފާހަގައެއް: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ނޮވެމްބަރު 2026، 09:49

15 ނޮވެމްބަރު 2026، 09:49

އިހުތިރާމުކުރުމުގެ ރިވެތި އާދައަކީ ދިވެހިންނާ ވަކިނުކުރެވޭނެ ހާއްސަ ސިފައެއް ނުވަތަ ދިވެހިވަންތަކަމުގެ ހާއްސަ ފާހަގައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިންގެ މެދުގައި އިހުތިރާމު އަދާކުރުމުގެ އާދަ އަލުން އަށަގެންނެވުމުގެ މަގުސަދުގައި ފެށި "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކޮންމެ ގައުމެއްގައި ވެސް އެހެން އިންސާނީ މުޖުތަމައުތަކާ ވަކިކޮށްދޭ ހާއްސަ ސިފަތަކެއް ހުންނައިރު، އިހުތިރާމުކުރުމަކީ އެއް ޒަމާނެއްގައި ދިވެހިންގެ ކިބައިން ވަރަށް މަތީ ދަރަޖައަކަށް ފެނިގެންދިޔަ ސިފައެކެެވެ.

"ދިވެހިންގެ ކިބައިން އެއިރު ފެނުނު މަތީ ދަރަޖަައަކަށް އިހުތިރާމުކުރުމުގެ މާތް ސިފައަކީ ދިވެހި އޮޑިފަހަރުގެ ފަށަން އެ އޮޑީގެ އެހެން މުޑޫތަކާ ގުޅިފައިވާ ދިވެހިންގެ އެންމެހާ ކަންތައްތަކާ ގުޅިފައިވާ ދިވެހިވަންތަކުގެ ހާއްސަ މީޒާއެއް. ހާއްސަ ފާހަގައެއް، ދިވެއްސެއްކަމުގެ ސާފު ދަލީލެއް،" 

ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މާޒީގައި ދިވެހިންގެ މެދުގައި އިހުތިރާމު އޮތް މިންވަރަށް އަލިއަޅުއްވައިލައްވަމުން، މަޝްހޫރު އަރަބި މުއައްރިހުންނާއި ސައްޔާހު އިބްނު ބަތޫތާގެ ލިޔުއްވުންތަކަށް ހަވާލާދެއްވިއެވެ. އެގޮތުން އިބްނު ބަތޫތާ ދިވެހިން ސިފަކުރައްވާފައިވަނީ އެކަކު އަނެކަކަށް ހިތްހެޔޮ، އަދަބުވެރި ބައެއްގެ ގޮތުގައި ކަމަށާއި، ހެޔޮކަމެއް ކޮށްދިނުމުން "ދަރުމަހުރި" ފަދަ ބަސްތަކުން އިހުތިރާމު އަދާކުރިކަން ބަޔާންކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަވައްޓެރިޔާގެ ގޭގައި ތެލީގެ ފޫކެހޭ އަޑުއިވުމުން ކާތަކެތި ގެންގޮސްދީ އުޅުނުކަންވެސް އެ ލިޔުންތަކުން އެނގޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ދިވެހިންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް. މާތް އަހުލާގާއި މަތިވެރި ސިފަތަކުން އުޖާލާވެފައިވާ މާޒީއެއް. ކުލުނާއި ލޯބިން ހިތްތަކަށް އުފާވެރިކަން ވާރުތަވެފައިވާ މާޒީއެއް،" 

ރައީސް ވިދާޅުވިއެވެ.

ރަށްރަށުގެ އިޖުތިމާއީ ވެއްޓަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ، ނައިބު ބޭކަލުންނާއި ކަތީބުން އަދި އެދުރުން ފަދަ ޝަހުސިއްޔަތުންނަށް މަގުމަތިން ފެނުމުން ކުނިކަހަން ތިބޭ މީހުން އެއްފަރާތްވެ، ކިޔަވާ ކުދިން އެ ބޭކަލުންގެ ކުރިކަނޑައި ނުދާ އާދަ އޮތް ކަމަށެވެ. އަދި ކެޔޮޅުންނާއި މާވަޑިންނަށް "ބޭބެ" އަދި ބޭކެނބިންނާއި އަންހެން އެދުރުންނަށް "ދައްތަ" އިތުރުކޮށް މުހާތަބުކުރުމަކީ އިސްމީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއްކަން އަންގައިދޭ ރިވެތި އާދައެއް ކަމަށް ވިދާޅުވިއެވެ.

"އެކަމުން ދިމާވާ އިޖުތިމާއީ އަހުލާގީ ހާލަތެއް އޮވޭ އިނގޭތޯ؟ ކޮން މާނައެއްތޯ، ކޮން ހާލަތެއްތޯ. އެއީ އިސްމީހުންނަށް އިހުތިރާމުކުރާ އަނެކުންނަށް ގަދަރުކުރާ މުޖުތަަމައެއްކަން،" 

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ވަގުތަށް ކަމޭހިތުމަކީވެސް ދިވެހިންގެ މެދުގައި އޮތް ހާއްސަ އާދައެއްކަން ފާހަގަކުރައްވަމުން، ސަރުކާރުގައި 50 އަހަރު ހިދުމަތްކުރެއްވިއިރު ދުވަހަކުވެސް ގަޑިޖެހިވަޑައިގެންފައިނުވާ ބޭފުޅުން ތިއްބެވިކަން ރައީސް ހަނދާންކޮށްދެއްވިއެވެ. އަދި މިފަދަ ރިވެތި ސިފަތަކެއް ދިވެހިންގެ ކިބައިގައި އަށަގަނެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތާއި ކީރިތި ރަސޫލާ ގެނެސްދެއްވި މަތިވެރި އަހުލާގުގެ ސަބަބުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، ލޯތްބާއި، އަދި އެއްބަޔަކު އަނެއް ބަޔަކަށް ދޭ ގަދަރާއި އިޙްތިރާމް އަށަގެންނެވުމަށްޓަކައި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އިފްތިތާހުކޮށްދެއްވީ މާފަންނު ސްޓޭޑިއަމްގައި  ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢު ކުރިޔަށް ގެންދަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިޢުލާނު ކުރެއްވީ، މިދިޔަ އަހަރު އދ. މަހިބަދޫގައި އޮތް ޖަލްސާގައެއްގައެވެ. އެއަށްފަހު، މި މަޝްރޫޢު މި އަހަރު ފައްޓަވަން ނިންމަވާފައިވާކަން އިޢުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މި ކެމްޕެއިނަކީ ދިވެހި މުޖުތަމަޢުގައި އަށަގެންފައިވާ ރީތި އަޚްލާޤީ އުޞޫލުތައް އާލާކޮށް، ރައްޔިތުންގެ މެދުގައި އިޙްތިރާމާއި ގަދަރުގެ ސަގާފަތެއް ދެމެހެއްޓުމަށްޓަކައި ފަށްޓަވާ ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450