ޚަބަރު
ފަލަސްޠީނުގެ 38 ވަނަ މިނިވަން ދުވަހާއި ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--
ފަލަސްޠީނުގައި މިނިވަންކަން އިޢުލާނު ކުރެވުނުތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ވެރިންނަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާއަށް ވަނީ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ފަލަސްޠީނުގެ އަޚުވަންތަ ރައްޔިތުންނަށް މި ދުވަހުގެ މުނާސަބަތުގައި ހެޔޮއެދުންތައް ވަނީ ރައްދުކުރައްވާފައެވެ.
1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ޤުދުސަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުން ދެކޭ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ ދެގޮތެއްނުވާ ޢަޒުމާއި، ޝަރުޠަކާނުލައި ދޭ ތާއީދު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އަލުން ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ "ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު ވާނީ މިނިވަން" ކަމަށެވެ.
On the 38th Anniversary of the Declaration of Independence of Palestine, I extend good wishes to President Mahmoud Abbas, Prime Minister and Foreign Minister Mohammad Musthafa and the brotherly people of Palestine. May I, on this auspicious occassion, retierate the unwavering commitment, unshakable resolve and unconditional support of the Maldives towards realising the common dream of an independent and sovereign State of Palestine, based on pre-1967 borders, and with East Jerusalem as its proud capital. "From the River to the Sea, Palestine will be Free"
— Dr Mohamed Muizzu (@MMuizzu) November 15, 2026
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް އަންނަނީ ބައިނަލްއަޤްވާމީ މައިދާނުގައި ވެސް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރަމުންނެވެ. އެގޮތުން އދ. ގެ ޢާންމު މަޖިލީހުގައާއި ބައިނަލްއަޤްވާމީ އެކި ބައްދަލުވުންތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުއްލަވައި، އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައްވައި އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ފަލަސްޠީނުގެ ދިފާޢުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގެ ޓެލެތޯނެއް ބާއްވައި ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމާއި، އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ފާހަގަކޮށްލެވެއެވެ.
ފަލަސްޠީނުގެ މިނިވަން ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ނޮވެމްބަރު 15 ގައެވެ. އެއީ 1988 ވަނަ އަހަރު އަލްޖީރިއާގައި، ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) ގެ ލީޑަރު ޔާސިރު ޢަރަފާތު، ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރެއްވި ތާރީޚީ ދުވަހެވެ.