Ads by Farudhun

ޚަބަރު

ވަގުތަށް ކަމޭހިތުމަކީ އިހުގައި ވަރަށް ބޮޑު އިސްކަމެއްދިން ކަމެއް: ރައީސް

ވަގުތަށް ކަމޭހިތުމަކީ އިހުގައި ވަރަށް ބޮޑު އިސްކަމެއްދިން ކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ނޮވެމްބަރު 2026، 09:43

15 ނޮވެމްބަރު 2026، 09:43

އިހު ޒަމާނުގައި ވަގުތަށް ކަމޭހިތުމަކީ ދިވެހިން ވަރަށް ބޮޑު އިސްކަމެއް ދިން ކަމެއް ކަމަށާއި، އޭރުގެ ރީތި އާދަތަކަށް ރުޖޫޢަވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި މުޖުތަމަޢުގައި އަޚްލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރަސްމީކޮށް އިފްތިތާޙްކުރުމަށް ޓަކައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އާދައިގެ މުވައްޒަފެއް ކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއް ކަމުގައި ވިޔަސް، އަދި އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް އެ ޒަމާނުގައި ވަގުތަށް އިޙްތިރާމްކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދިން ކަމެއް ކަމަށެވެ. 

އެގޮތުން ރަށު ރައްޔިތުންގެ މަސައްކަތަކަށް ގޮވާލުމުން ގަޑިއަށް ރައްޔިތުން ހާޒިރުވި ކަމަށާއި، އޮފީސް މުވައްޒަފުންނާއި މަދަރުސީ ދަރިވަރުންގެ ތެރޭގައި ވެސް ފަންސާސް އަހަރު ޚިދުމަތް ކުރެއްވިއިރު ދުވަހަކުވެސް ގަޑިޖެހިވަޑައިނުގަންނަވާ ފަދަ ރީތި ރެކޯޑުތައް ހުރި ބޭފުޅުން ތިއްބެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

"އޮފީސް މުވައްޒަފުންގެ ރެކޯޑުތައް ރީތި. ބައެއް ބޭފުޅުންގެ ރެކޯޑު ސަރުކާރުގައި ހުންނާނެ. ފަންސާސް އަހަރު ދުވަހަށް ސަރުކާރަށް ޚިދުމަތް ކުރެއްވިއިރު ވެސް ދުވަހަކުވެސް ގަޑިޖެހިވަޑައިގެންފައިނުވާ ބޭފުޅުން. މަދަރުސީ ދަރިވަރުންގެ ތެރޭގައިވެސް މިފަދަ ކުދިން ތިބި"

ރައީސް ވިދާޅުވިއެވެ.

ވަގުތަށް ކަމޭހިތުމުގެ އިތުރުން، އިހުގައި ދިވެހިން އަވަށްޓެރީންނަށް ބެހެއްޓި ގާތްކަމާއި އިޙްތިރާމްގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އިބްނު ބަތޫތާގެ ލިޔުނތަކުން ވެސް ފެންނަ ފަދައިން، އަވަށްޓެރިޔާގެ ގޭގެ ތެލީގެ ފުލުގައި އުނދުޅި ކައްތާލާ އަޑު އިވިއްޖެނަމަ އެ ގެއަކަށް ކާބޯތަކެތި ގެންގޮސްދިން ކަމަށާއި، އަވަށްޓެރިޔާއަށް އުނދަގޫވެދާނެތީ ގަސްގަހާގެހީގެ ގޮފިތަކާއި ރުއްތައް ކޮށައި ސާފުކޮށް އުޅުނު ރިވެތި އާދަތައް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، ލޯތްބާއި، އަދި އެއްބަޔަކު އަނެއް ބަޔަކަށް ދޭ ގަދަރާއި އިޙްތިރާމް އަށަގެންނެވުމަށްޓަކައި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އިފްތިތާހުކޮށްދެއްވީ މާފަންނު ސްޓޭޑިއަމްގައި  ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢު ކުރިޔަށް ގެންދަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިޢުލާނު ކުރެއްވީ، މިދިޔަ އަހަރު އދ. މަހިބަދޫގައި އޮތް ޖަލްސާގައެއްގައެވެ. އެއަށްފަހު، މި މަޝްރޫޢު މި އަހަރު ފައްޓަވަން ނިންމަވާފައިވާކަން އިޢުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މި ކެމްޕެއިނަކީ ދިވެހި މުޖުތަމަޢުގައި އަށަގެންފައިވާ ރީތި އަޚްލާޤީ އުޞޫލުތައް އާލާކޮށް، ރައްޔިތުންގެ މެދުގައި އިޙްތިރާމާއި ގަދަރުގެ ސަގާފަތެއް ދެމެހެއްޓުމަށްޓަކައި ފަށްޓަވާ ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ކަމަށެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450