ކުޅިވަރު / ޚަބަރު

ހއ. ވަށަފަރުގައި ތަރައްޤީކުރި ޒަމާނީ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

ހއ. ވަށަފަރުގައި ތަރައްޤީކުރި ޒަމާނީ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

ވަށަފަރު ވޮލީކޯޓު ހުޅުވުން / ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

13 ނޮވެމްބަރު 2026، 02:46

13 ނޮވެމްބަރު 2026، 02:46

ސަރުކާރުން ހއ. ވަށަފަރުގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރި އައު ވޮލީކޯޓު ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ.

މި ވޮލީކޯޓު ހުޅުވުމަށް ވަށަފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފްގެ އިތުރުން ވަށަފަރު ކައުންސިލްގެ އިސްވެރިންނާއި، މުއައްސަސާތަކުގެ ވެރިން އަދި ރަށުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމު ރައްޔިތުން ބައިވެރިވިއެވެ.

ޒަމާނީ ވަސީލަތްތަކާއެކު ވަށަފަރުގައި ޤާއިމްކުރެވުނު މި ވޮލީކޯޓުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހާއްސަކޮށް، ރަށްރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ފުރިހަމަކޮށް، ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ.

މި އައު ވޮލީކޯޓާއެކު، ވަށަފަރުގެ ކުޅިވަރުގެ ހަރަކާތްތައް އިތުރަށް ދިރުމުގެ އިތުރުން، ވޮލީގެ ދާއިރާއިން ހުނަރުވެރި ކުޅުންތެރިންތަކެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުއްމީދުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450