ޚަބަރު
އެއްވުންތައް ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި
ޝަހީދު ހުސެއިން އާދަމް ބިލްޑިން---
އެއްވުންތައް ބާއްވަންވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިނުވާނޭހެން އެއްވުންތައް އިންތިޒާމުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނާ މަޢުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ޤާނޫނީ އިމުގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އަންގާފައެވެ.
މީގެއިތުރުން، މިފަދަ އެއްވުންތަކުގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރަށާއި އާންމުން ހިނގާބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން އިންތިޒާމުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ހަމައެއާއެކު، އެއްވުމުގެ ތެރެއިން ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެފަދަ އަމަލުތައް ވަގުތުން ހުއްޓުވައި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.