ޚަބަރު
ގައުމިއްޔަތުގެ މާއްދާއަށް ބައެއް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ވަޒީރު އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ
ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު.
އަންނަ އަހަރުން ފެށިގެން ގައުމިއްޔަތުގެ މާއްދާއަށް ބައެއް ބަދަލުތަކެއް ގެނެސް، އަޚުލާގުގެ ބައި އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2024 އިން ފެށިގެން އެކި ކީ ސްޓޭޖްތަކަށް ގައުމިއްޔަތުގެ މާއްދާ ތައާރަފްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަހަރު ކީ ސްޓޭޖް 1 އަދި 2 އަށް މި މާއްދާ ތައާރަފްކުރިއިރު، މިހާރު ކީ ސްޓޭޖް 3 އާ ހަމައަށް އެ ޕްރޮގްރާމް ފުޅާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި މާއްދާ ކިޔަވައިދިނުމުގައި ލިބެމުންދާ މައުލޫމާތާއި ތަޖުރިބާއަށް ބިނާކޮށް، އަންނަ އަހަރު މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އާދަތަކާއި މުހިންމު ބަހާތައް ހިމަނައިގެން "ބިންގާ" ޕްރޮގްރާމެއް ފައްޓަވާފައިވާ ކަމަށެވެ.
"މި އަހަރުގެ މަޖިލީހުގެ ހުޅުވުމުގެ ޖަލްސާގައި އިއްޒަތްތެރި ރައީސް ވަރަށް މުހިންމު ކަމަކަށް އަލިއަޅުވާލެއްވި. އެއީ ރާއްޖޭގައި އަޅުގަނޑުމެންގެ ކާބައިންގެ ފަރާތުން އަޅުގަނޑުމެން ވާރުތަކޮށްފައިވާ ރިވެތި އާދަތައް އަޅުގަނޑުމެންގެ މުހިންމު ބަހާތައް ހިމެނޭ ގޮތަށް އަޅުގަނޑުމެން ވާނީ ބިންގާ ޕްރޮގްރާމެއްވެސް ފައްޓަވާފައި،"
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ސްކޫލްތަކުގައި މިހާރު ކުރިއަށްދާ ބިންގާ ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކަށް ވަކި ތީމެއް ކަނޑައަޅައިގެން ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ 200 ސްކޫލެއްގައި 15،700 އަށްވުރެ ގިނަ ހަރަކާތް، ގާތްގަނޑަކަށް 100،000 ދަރިވަރުން ބައިވެރިވާ ގޮތަށް މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ވާހަކަތަކާއި، ގައުމުގެ މުހިންމު ބަހާތަކުގެ އިތުރުން ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ ރިވެތި އަޚުލާގާއި ސުލޫކު ފުރިހަމައަށް އިންޓަގްރޭޓް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ގައުމިއްޔަތު މާއްދާއަކީ ކުޑަކުދިންގެ ހިތްތަކުގައި ގައުމާއި ދިވެހި ސަގާފަތަށް ލޯބި ޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ގައުމީ ޝުއޫރު ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވައި، ދިވެހިވަންތަކަމަށް ލޯބިކުރާ، އަދި ގައުމާމެދު ވިސްނައި ފަޚުރުވެރިވާ ދިވެހި ދަރިވަރުންތަކެއް ބިނާކުރުމެވެ.