ޚަބަރު
ގުޅީ ސްކޫލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް
ގުޅީ ސްކޫލްގައި އަޅާ ކްލާސްރޫމްތަކުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ކ. ގުޅީ ސްކޫލުގައި އަލަށް އިމާރާތްކުރަމުންދާ 6 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ތިންވަނަ ފަންގިފިލާގެ ސްލެބް ރީއިންފޯސްމަންޓް މަސައްކަތްތައް ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 7 އެޕްރީލް 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން ގުޅީ ސްކޫލުގައި ޒަމާނީ ފެންވަރުގެ 6 ކްލާސްރޫމާއި، އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕާޕަސް ހޯލެއް ގާއިމުކުރެވިގެންދާނެއެވެ.

އިމާރާތުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށްދާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުރަތަމަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި އޭގެ ފަހުން ދެވަނަ ފަންގިފިލާގެ ބީމްތަކާއި ސްލެބް ފޯމްވޯކް އަދި ދަގަނޑު ބެއްދުމުގެ މަސައްކަތްތައް ކުރުމަށްފަހު، ޖުލައި މަހުގެ ތެރޭގައި ވަނީ ދެވަނަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމުގެ މުހިންމު މަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
Project Update: Completion of 6 Classrooms and Multi purpose Hall at K. Gulhi School
— MTCC Plc (@MTCCPlc) September 21, 2026
Third floor slab reinforcement works are currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/VcEo6coy7p
1975 ވަނަ އަހަރު މަކްތަބުލް ހުދާގެ ނަމުގައި ފަށައި، 2005 ވަނަ އަހަރު ސަރުކާރުގެ ސްކޫލަކަށް ބަދަލުކުރެވުނު ގުޅީ ސްކޫލަކީ ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ. މި އާ އިމާރާތާއެކު، ސްކޫލުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އެސެމްބްލީތަކާއި އިންޑޯ ކުޅިވަރުތަކުގެ އިތުރުން މުޖުތަމަޢުގެ އެކި ހަރަކާތްތައް ހިންގުމަށް އެކަށޭނަ ޖާގައެއް ތަނަވަސްވެގެންދާނެއެވެ.