ޚަބަރު
އެމްޑަބްލިޔުއެސްސީ އިން 17 މިލިއަން ރުފިޔާއަށް ލޭންޑިން ކްރާފްޓެއް ގަތްކަމަށް ބުނެ ފަތުރަނީ ދޮގެއް: ފަހުމީ
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ
މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 17 މިލިއަން ރުފިޔާއަށް ލޭންޑިން ކްރާފްޓެއް ގަތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދޮގުކުރައްވައިފިއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ 900،000 ރުފިޔާގެ އަގުހުރި ބައު ލޭންޑިން ކްރާފްޓެއް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ އަތުން 17 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. މީގެއިތުރުން، އެ އުޅަނދު މަރާމާތު ކުރުމަށް އިތުރު 1.8 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި، މެމްބަރު ފަލާހުގެ އަތުން ދެވަނަ އުޅަނދެއް ގަތުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް، މި ވާހަކަތަކުގެ ސައްހަކަން ސާބިތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ހާމަކޮށްފައެއް ނުވެއެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން ފަހުމީ ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެފަދަ އެއްވެސް މުއާމަލާތެއް އެމްޑަބްލިޔުއެސްސީން ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ މުއާމަލާތަކަށް ކުންފުނީގެ ބޯޑުން އެއްވެސް ހުއްދައެއް ދީފައި ނުވާ ކަމަށާއި، އެއްވެސް ފަރާތަކާ އެކު އެފަދަ ވިޔަފާރިއަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައި ވެސް ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ކުންފުނީގެ ބޯޑު މެމްބަރަކު އިސްތިއުފާދެއްވި ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވަމުން ފަހުމީ ވިދާޅުވީ، ބޯޑު މެންބަރު އިސްތިއުފާ ދެއްވީ އޭނާގެ އަމިއްލަ ސަބަބުތަކާ ހުރެ ކަމަށާއި، ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވާ ސަބަބާ ގުޅިގެން ނޫން ކަމަށެވެ.
އެކަށީގެންވާ ހެއްކެއް ނެތި މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވަމުން ފަހުމީ ވިދާޅުވީ، އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދެފުށް ފެންނަ، ޒިންމާދާރު އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށެވެ.